
ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށްވާ، ޑރ. ވިޓާލީއަކީ، މިފްކޯގެ ދިގު ތާރީހުގައި ސީއީއޯގެ މަގާމު އަދާކުރެއްވި ރާއްޖޭން ބޭރުގެ ހަމަ އެކަނި ބޭފުޅާ އެވެ.
މަސްވެރިކަމާބެހޭ، ސަރުކާރުގެ މައި ކުންފުނީގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ޑރ. ވިޓާލީ އައްޔަނުކުރީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު އެވެ. އޭނާ މަގާމުން ވަކިކުރީ މާރިޗު މަހު ކުރީކޮޅުއެވެ. މާރިޗު މަހުގެ މެދުތެރޭ އޭނާވަނީ އޭނާއަށް ނޯޓިހުގެ މުއްދަތުގައި ދޭން ޖެހޭ ފައިސާ ނުދީގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައެވެ.
މި މައްސަލައިގައި މިފްކޯއިންވަނީ ވަޒީފާއާބެހޭ ޓްރިބިއުނަލުގައި ޖަވާބުދާރީވާން ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް، އެ މައްސަލައިގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށް ނިންމައި، މިފްކޯއިން ދައުވާއަށް ޖަވާބުދާރީވާން ޓްރައިބިއުނަލުންވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގައި ވިޓާލީ ހޯދުމަށް އެދިފައިވަނީ އޭނާގެ ނޯޓިހުގެ މުއްދަތަށް އޭނާއަށް ދޭން ޖެހޭ 42،000 އެމެރިކާ ޑޮލަރެވެ.
މިފްކޯގެ ސީއީއޯއަށް މުސާރަ ނުލިބިގެން ކޯޓަށް މައްސަލަ ހުށަހެޅިއިރު، މި ސަރުކާރުން އުފެއްދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސްއަށް މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭނާވެސް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.