ads
އޭޝިޔާ އިނީޝިއޭޓިވް މީޓިންގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ -- ފައިނޭންސް މިނިސްޓްރީ
ޓެކުހުގެ ނިޒާމް ހާމަކަން ބޮޑު ގޮތެއްގައި ބެލެހެއްޓުން މުހިންމު: މިނިސްޓަރު ޒަމީރު
ޓެކްސްއާ ގުޅޭ ގޮތުން އެއްބާރުލުން ދިނުމުގެ ދާއިރާގައި ދިވެހިރާއްޖެއިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށާއި ޓެކްސް ނެގުމުގެ ނިޒާމު ހަރުދަނާކޮށް ހާމަކަން ބޮޑު ގޮތެއްގައި ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިން މުސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ މީރާއިން އިންތިޒާމުކޮށްގެން ބާއްވާ ހާމަކަން ބޮޑު ޓެކްސް ނިޒާމެއް ގާއިމް ކުރުމާއި ގުޅޭ 8 ވަނަ އޭޝިއާ އިނީޝިއޭޓިވް ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، ގްލޯބަލް ފޯރަމް އަދި އޭޝިއާ އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިވެ، ޓެކްސް ނިޒާމު ހަރުދަނާކޮށް، އިންކްލޫސިވް ގްރޯތު އިތުރުކޮށް، ހަމަހަމަކަން ކަށަވަރުކުރުމަށް މުހިންމު ވަސީލަތްތަކެއް ލިބިފައިވެ އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، ހާމަކަން ބޮޑު ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ރާއްޖެ ވަނީ ހޮންކޮންގާއެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރީމެންޓެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި، އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުޑަ ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް އަޅުގަނޑުމެން ގަބޫލުކުރަން. އެހެންނަމަވެސް އޭޝިއާ އިނީޝިއޭޓިވް ފަދަ މަންސަތަކުން އަޅުގަނޑުމެންގެ އަޑު އިތުރަށް ގަދަވެ، އެކުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން، ގައުމުތަކުން އިގުތިސާދީ ސިޔާސަތުތައް އަލުން ބައްޓަން ކުރަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް ޒަމީރު އަލިއަޅުވާލެއްވި އެވެ.

ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގުތިސާދު ބިނާވެފައިވަނީ ޓޫރިޒަމްގެ މައްޗަށް ކަމަށާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖޭން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިފަ އެވެ.

މިގޮތުން ވޭތުވެދިޔަ އަހަރު ޓޫރިޒަމް ދާއިރާގެ ޖީޑީޕީގެ 13.8 ޕަސެންޓު ހިއްސާކުރި އިރު، ރިކޯޑު އަދަދެއްގެ ގޮތުގައި ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެ އެވެ.

your imageރާއްޖޭގައި ފެށި އަށްވަނަ އޭޝިޔާ އިނީޝިއޭޓިވް މީޓިން - ފޮޓޯ: ފައިނޭންސް މިނިސްޓްރީ

ޒަމީރު ވިދާޅުވި ގޮތުގައި މާލީ ވުޒާރާއިން ވަނީ ރެވެނިއު އެޑްމިނިސްޓްރޭޝަން އޭޖެންސީތަކާ ގުޅިގެން މެދު ރާސްތާގެ ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލާފަ އެވެ. މި ސްޓްރެޓެޖީގެ މަގްސަދަކީ މިހާރުގެ ރެވެނިއު ޕޮލިސީތައް ހަރުދަނާކޮށް، އެތެރޭގެ އާމްދަނީ އިތުރުކޮށް، ބޭރުގެ ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.

"ހާމަކަން ބޮޑު އަދި ހަރުދަނާ ޓެކްސް ނިޒާމެއް އޮތުމަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ތައްޔާރުވުމާއި، ތައުލީމު، ސިއްހަތު އަދި އުމްރާނީ ތަރައްގީ ފަދަ މުހިންމު ދާއިރާތަކަށް ފައިނޭންސް ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް،" ޒަމީރު ވިދާޅުވި އެވެ.



ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާއި ދުނިޔޭގައި ފައިސާގެ ދައުރުވުން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި އެވެ. އަދި ޓެކްސް ނުދެއްކުމާއި، ގާނޫނާ ހިލާފަށް ފައިސާ ބޭރުކުރުން ހުއްޓުވުމަށް މައުލޫމާތު ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޒަމީރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް