
ނަމަވެސް އިންތިހާބުވެގެން ވެސް ހަވާލު ވަނީ ބޮޑު ޒިންމާއަކަށްވާތީވެ އެ ޒިންމާ އަދާ ކުރާނެ ގާބިލުކަން ނެތުމުން ރައްޔިތުން ހަވާލު ކުރި މަސައްކަތާއި ބީރައްޓެހިވެ ވާނުވާ ނޭނގޭ ހިސާބަށް ގޮސްގެން އުޅޭ ތަން ފެނެ އެވެ. އެހިސާބަށް ކަންކަން ދިޔުމުން ދެން މި ޖެހެނީ ތަސައްވަރު ކުރި ގޮތާ ހިލާފަށް އިންތިހާބުވި މީހާ މީހަކަށް ހަދައި ދިނުމުގެ ގޮތުން ތައުލީމާއި ތަޖުރިބާ ވެސް ހޯދައި ދޭށެވެ. ހުރިހާ ހަރަދެއް ރައްޔިތުންގެ ފައިސާއިންނެވެ. މިއީ ތަސައްވަރު ކުރި ގޮތާ ހިލާފަށް އުފަން ކުރުވާ މައްސަލައަކަށް މިހާރު ވަނީ ވެފަ އެވެ.
އިންތިހާބުވި މީހާ މީހަކަށް ހެދުމަށްޓަކައި ރައްޔިތުންގެ ފައިސާއިން ހޭދަ ކުރުމަކީ ތަސައްވަރު ކުރި ގޮތާ ހިލާފަށް އުފަންވެފައިވާ މައްސަލައަކަށްވަމުންދާއިރު، މިއީ ހަގީގަތުގައި ވެސް ސުވާލު އުފައްދާ އަދި ބަހުސްކޮށް ހައްލެއް ބޭނުންވާ މައްސަލައެކެވެ. ހާއްސަކޮށް މިފަދަ ކަމެއް ކުރިއަށްގެންދިއުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އަންނަ ބުރަ ބޮޑުވުމާއި، އޭގެ ބަދަލުގައި ކުރެވިދާނެ މުހިންމު އެހެންކަންކަން ހުރުމާއެކު މިކަމަށް އިތުރު ސަމާލުކަމެއް ދޭންޖެހެ އެވެ. އަދި ދައުލަތުގެ ނުފޯރާ ދަރަނި ބަޖެޓުން އިގްތިސޯދު ފުޅާކޮށް އުމްރާނީ ތަރައްގީ ފޯކަސް ކުރުމުގެ ބަދަލުގައި ފަސް އަހަރުގެ މުއްދަތަށް އިންތިހާބުވާ ހާދިމް މީހާއަށް ކިޔަވައިދިނުމާއި ތަޖުރިބާ ހޯދައިދިނުމަށް ހޭދަކޮށްލަކޮށްލާ ތިބުމަކީ ޒިންމާދާރުކަމެއްތޯ އެވެ. އެ ވަރަށް ދައުލަތުގެ އިގްތިސޯދީ އިންޖީނުގައި ހަކަތަ އެބަ ހުރިތޯ މިއީ ވެސް ކުރަން ޖެހޭ ސުވާލުތަކެވެ.
މިކަމުގެ ސަބަބުން އުފެދޭ އެންމެ ބޮޑު ސުވާލަކީ އިލުމާއި ތަޖުރިބާ ނެތް މީހުން މަގާމުތަކަށް އިންތިހާބު ކުރުމަށް ފަހު އެ ބޭފުޅުންނަށް ތަޖުރިބާ ހޯދުމަށް ދައުލަތުގެ ފައިސާ ބޭނުން ކުރުމަކީ ކިހާ މުހިންމު ކަމެއްތޯ އެވެ؟ އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ފައިދާއަކީ އެހާ ބޮޑު ފައިދާއެއްތޯ އެވެ. ވަގުތީ ބަޔަކަށް ހޭދަ ކުރުމަށް ހޭދަ ކުރުމަކީ ފެން ހިފޭ ކަމެއްތޯ އެވެ؟ ސަބަބަކީ ދައުލަތުގެ ބަޖެޓަކީ ހުރިހާ ރައްޔިތުންގެ ވެސް ފައިސާ އެވެ. އެހެންކަމުން އެފައިސާ ބޭނުން ކުރަން ވާނީ ހުރިހާ ރައްޔިތުންނަށް ވެސް ފައިދާވާ އަދި ދުރު މުސްތަގުބަލަށް މަންފާ ކުރާނެ ކަންކަމަށް ކަމުގައި ހަދަން ޖެހޭތީ އެވެ. މިގޮތުން ބަލާއިރު ރައްޔިތުންނަށް ހިދުމަތް ކުރުމަށް ދައުލަތުން މުސާރަ ނަގައިގެން އަދި އެއަށް ފަހު އެމީހެއްގެ ކެރިއަރު ފުޅާ ކުރުމަށް ނުވަތަ މަތީ ތައުލީމާ ތަމްރީން ހޯދުމަށް ދައުލަތުން ސުމާރެއް ނެތި ހޭދަ ކުރަން ދޫކޮށްލާފައި އޮތުމަށް ވުރެ އެ ފައިސާ ރައްޔިތުންނަށް ފައިދާ ހުރި އެހެން ކަންކަމަށް ބޭނުން ކުރުމަކީ ބުއްދިވެރިކަމަކަން ނުވާނެތޯ އެވެ.
އިންތިހާބީ މީހާ އިންތިހާބުވާ ފަހުން އެ މީހާ މީހަކަށް ހެދުމަށްޓަކައި ތައުލީމާއި ތަޖުރިބާ ހޯދައިދިނުމަށް ހޭދަ ކުރުމަށް ވުރެ ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށް ނުވަތަ ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް ނުވަތަ އިޖުތިމާއީ ގޮތުން މުހިންމު ކަންކަން ހޭދަ ކުރަން އިސްކަން ދިނުމަކީ ރަނގަޅު ކަމަކަން ނުވާނެބާވަ އެވެ. މީގެ އިތުރުން އިންތިހާބީ ބޭފުޅުންނަކީ އިންތިހާބުވެވަޑައިގަތުމުގެ ކުރިން ވެސް އެކި ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް ވާންޖެހެ އެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކުރިމަތިލައްވާއިރު ހުންނަންވީ ތައުލީމު އުނގެނި ދަސްވެނިވިފަ އެވެ. ނަމަވެސް އިންތިހާބީ މަގާމާއެކު ދައުލަތުގެ ވަސީލަތްތަކާއި ސިޔާސީ ނުފޫޒުން އުގެނި ދަސް ކުރަން ސިޔާސީން ނިކުތުމުން ވީ ވައުދާ ވަމުންދާގޮތް މުޅިން ތަފާތު ވެގެންދާ ކަމަށް ފެނެ އެވެ.
އިންތިހާބީ މީހާ ޗައިނާއިން 30 ދުވަހުގެ ތަޖުރިބާ ޓްރިޕް ނިންމާ އަންނައިރު ރަށު ސުކޫލުގެ ދަރިވަރުން ތިބެން ޖެހެނީ ބަޖެޓް ނެތިގެން ތަޖުރިބާ ދަތުރުތައް ނޭޅިފައި އެވެ. ސައިންސް ލެބޯޓްރީގައި ކެމިކަލެއް ދެން ވެސް ބޭނުން ވާނެ ވަސީލަތްތަކެއް ނުހުރެ އެވެ. ފިޝަރީޒް ސައިން ކިޔަވާ ކުދިން ތިބެން ޖެހެނީ މުރަކަތައް ބަލާލަން ފަރުމައްޗަށް ދާނެ ބަޖެޓް ވެސް ނެތި އެވެ. އިންތިހާބީ ބޭފުޅުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުވާނެކަމަށް ޔަގީންން ކުރަން މިހާރު އެކުރައްވާ ބެންކޮކް ދަތުރުން ރައްޔިތުންނަށް ލިބޭ މަންފާއެއް އަދި މޮޅެއް ނެތެވެ. ބޭކާރު ވަނީ "މަޖަލަށް" ރައްޔިތުންގެ ޓެކްސް ފައިސާ އެވެ.
މި ވާހަކަ ހާމަކަން ބޮޑުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިފަހުން ވަނީ ވިދާޅުވެލައްވާފައި އެވެ. ބައެއް ކައުންސިލްތަކުން ބްލޮކް ގްރާންޓްގެ ފައިސާ "ބޭކާރު" ގޮތުގައި ހޭދަ ކުރާ ކަމަށް ވިދާޅުވެ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ރައީސް ވިދާޅުވީ އެ ފައިސާ ބޭނުން ކުރަނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ބަލާނެ ނިޒާމެއް ގާއިމު ކުރާނީ ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ އެ ފައިސާ ނަހަމަ ގޮތުގައި ވެސް ބައެއް ކައުންސިލްތަކުން ބޭނުންކުރާ ކަމަށެވެ. ހާއްސަކޮށް ކުރަން ނުޖެހޭ ދަތުރުތައް ބޭރު ގައުމުތަކަށް ކުރާ ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ބްލޮކް ގްރާންޓްގެ ފައިސާ ހަރަދުނުކުރުމުގެ ވިސްނުމެއް ވެސް ބައެއް ކައުންސިލްތަކުން ގެންގުޅޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް ކައުންސިލްތަކުގެ ޒިންމާތައް އާދަނުކޮށް، ދައުރު ނިމެންދެން ކައުންސިލްތަކުގެ ބަޖެޓުގައި އެ ފައިސާ ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް އެދެކެއްވި ވާހަކަ އަށް ވަރަށް ގިނަ ރައްޔިތުންގެ ތާއީދު ލިބުނެވެ. މިކަމަށް އޮންނަ އެންމެ ބޮޑު ހައްލަކީ އިންތިހާބީ ބޭފުޅުން އިންތިހާބުވެވަޑައިގަތުމުގެ ކުރިން އެބޭފުޅުންގެ އަމިއްލަ ވަގުތު އަދި ހަރަދު ބޭނުންކޮށްގެން ތަޖުރިބާ ހޯދުމަށް މަސައްކަތްކުރުމެވެ. ކިޔެވުމެވެ. އަދި އިންތިހާބުވެވަޑައިގަތުމަށް ފަހު ވެސް އެބޭފުޅުންގެ މަސައްކަތްތައް ރައްޔިތުންނަށް ފެންނާނެހެން އާންމުކޮށް ހާމަކުރުމެވެ. މީގެ އިތުރުން އިންތިހާބީ މަގާމުތަކަށް ކުރިމަތިލާ ބޭފުޅުންނަށް އެމަގާމާއި ހަވާލުވުމުގެ ކުރިއަށް މަސައްކަތާއި ގުޅުން ހުރި ތަމްރީނުތައް ދިނުމަށް ސަރުކާރުން ނުވަތަ އެހެން ޖަމިއްޔާތަކުންވެސް އެހީތެރިވެވިދާނެ އެވެ.
ހިންގުމުގެ ދާއިރާ ދިރާސާތައް ކުރައްވާ ބޭފުޅެއްކަމަށްވާ މުހައްމަދު ނަޒީފް ވިދާޅުވީ އިންތިހާބުވެގެން އަންނަ މީހާގެ ތައުލީމާއި ތަޖުރިބާ ހޯދުމަށް ދައުލަތުގެ ފައިސާ ބޭނުން ކުރުމަކީ ގޯހެއް ކަމަށާއި ދައުލަތުގެ ފައިސާ ހޭދަ ކުރަން ޖެހޭނީ ދާއިމީގޮތެއްގައި ހިދުމަތުގައި ތިބޭ މުވައްޒަފުންނަށް ކަމަށެވެ.
އިންތިހާބީ މީހުން މީހުންނަށް ހެދުމަށާއި ތަޖުރިބާ ހޯދުމަށް ހޭދަ ކުރުމުގެ ވެއްޓެއް މި ފަހުން އުފައްދައިގެން އުޅޭ އުޅުމަކީ ރަނގަޅު ކަމެއް ކަމަށް ދެކުމަކީ ވެސް ވިސްނަށް ޖެހޭ ކަމެކެވެ. ސަބަބަކީ، އެ މީހުންނަކީ ފަންނީ މަސައްކަތަކަށް ހާއްސަވެގެން އަންނަ ބަޔަކަށްނުވުމާއި އަދި ދާއިމީ ވަޒީފާއެއް އަދާ ކުރާ ބަޔަކަށް ނުވުމެވެ. ދަރަނިން ހިންގާ ގައުމެއްގެ ދައުލަތުގެ ފައިސާ ހޭދަކޮށްގެން ވަި މުއްދަތަކަށް އަންނަ އިންތިިހާބީ މީހާ މީހަކަށް ހެދުމަށާއި ތަޖުރިބާ އާއި ތައުލީމް ހޯދުމަށް ހޭދަ ކުރާ ކުރުމާ މެދު އިތުރަށް ވިސްނަން ޖެހެ އެވެ.
ދައުލަތުގެ ހަރަދުގައި ތަޖުރިބާ ހޯދުމުގެ ބަދަލުގައި އިންތިހާބީ ބޭފުޅުން މަސައްކަތް ކުރަންވާނީ ރައްޔިތުންގެ އިތުބާރު ހޯދުމަށެވެ. އެ އިތުބާރު ހޯދޭނީ ރައްޔިތުންނަށް ފައިދާހުރި ގޮތަށް މަސައްކަތްކޮށްގެންނެވެ. އަދި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެންނެވެ. އެހެންކަމުން އިންތިހާބީ ބޭފުޅުންގެ އަމާޒަކަށް ވާންވާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރުމެވެ.
މީގެ އިތުރުން އިންތިހާބީ ބޭފުޅުންގެ ކިބައިން ރައްޔިތުން އުއްމީދުކުރާ ކަންތައްތައް ފުރިހަމަ ކުރުން ވަރަށް މުހިންމެވެ. އެއީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އަދި ރައްޔިތުންނަށް އިހުލާސްތެރިވުމެވެ. މިސިފަތައް ހުރިނަމަ އިންތިހާބީ ބޭފުޅުންނަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ ތާއީދު ލިބޭނެ އެވެ. އަދި ދައުލަތުގެ ހަރަދުގައި ތަޖުރިބާ ހޯދުމަށް މަދު ފަހަރަކު ދަތުރެއް ކުރުމަކުން ރައްޔިތުން ގޮވާ ފަތިވަރު ވެސް މަދުވާނެ އެވެ.
މިމައްސަލައަށް ހައްލެއް ގެނައުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އިންތިހާބީ ބޭފުޅުންނަށް ދައުލަތުގެ ހަރަދުގައި ތަޖުރިބާ ހޯދުމަށް ހުއްދަދެވޭ މިންވަރާއި، އެކަމަށް ހަރަދުކުރެވޭނެ މިންވަރާއި، އަދި އެކަން ކުރިއަށްގެންދާނެ އުސޫލުތައް ގާނޫނުގައި ބަޔާންކުރަން ޖެހެ އެވެ. އަދި ލޯކަލް ކައުންސިލްތަކަށް ދައުލަތުން ދޫކުރާ "ބްލޮކް ގްރާންޓް" ބޭނުންކުރާ ގޮތް މޮނިޓާކުރުމަށް ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށް ނިޒާމެއް ގާއިމުކުރުން ވަރަށް މުހިންމެވެ. މީގެ އިތުރުން އިންތިހާބީ ބޭފުޅުން ކުރައްވާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ރައްޔިތުންނަށް ހާމަކުރަންޖެހޭނެ އުސޫލުތައްވެސް ގާނޫނުގައި ބަޔާންކުރަން ޖެހެއެވެ.
ތެދެކެވެ. އިންތިހާބީ ބޭފުޅުންނަށް ދައުލަތުގެ ހަރަދުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިނުމާމެދު އަލުން ވިސްނާލަންޖެހެ އެވެ. އަދި މިކަމުގެ ސަބަބުން ދައުލަތަށް އަންނަ ބުރައާއި، ރައްޔިތުންނަށް ލިބެންޖެހޭ ފައިދާތައް ނުލިބި ދިއުމުގެ މައްސަލައަށް ހައްލެއް ގެންނަންޖެހެ އެވެ. ރަށު ތެރެއިން އިވެނީ މިވާހަކަ އެވެ. ރައްޔިތުން ބުނަނީ ބްލޮކް ގްރާންޑަކީ ސިޔާސީންގެ "ޕެޓީ ކޭޝް" ނޫން ކަމަށެވެ.