
ފުލުހުން ބުނި ގޮތުގައި މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްއާ ދެކޮޅަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާތީ އޭނާ ރޭވަނީ ބަންދުން ދޫކޮށްލާފައެވެ.
ރައުދު ދޫކޮށްލިއިރު، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އިއްޔެ ވަނީ ފޮނުވައިފަ އެވެ. ރައުދުގެ މައްޗަށް ފުލުހުން ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވުމާއި މަސްތުގެ ހާލުގައި ހުރިކަމުގެ ކުށުގެ ތުހުމަތެވެ. އެހީތެރިކަން ބޭނުންވެފައިވާ މީހަކަށް އެހީތެރިވެނުދިނުމުގެ ކުށާއި އޭގެ އަދަބު ބަޔާން ކޮށްފައި އޮންނަނީ ގާނޫނުލްއުގޫބާތުގެ 618 ވަނަ މާއްދާގަ އެވެ.
މިދިޔަ މަހުގެ 24ގައި ހައްޔަރުކުރި ރައުދުގެ ބަންދު އެކި ފަހަރު މަތިން އިތުރުކުރުމަށްފަހު، މި މަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 20 ދުވަސް ޖަހައިފައެވެ. އެ މުއްދަތު ހަމަނުވަނީސް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދޫކޮށްލިއެވެ. ނަމަވެސް މާ ގިނައިރެއްނުވެ އޭނާ އަނެއްކާވެސް ހައްޔަރުކުރިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައިގައި ތަހުގީގަށް ޔުމްނުގެ ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭ ކަމަށާއި އެހެންވެ، އެކަން ކުރަން އޭނާ ފަރުވާ ހޯދަމުންދާ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ހޯދަން ނިންމައިފައިވާ ކަމަށެވެ.
ޔުމްނުގެ އާއިލާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެގޮތުން ބަޔާން ނަގަން ރަސްމީކޮށް ނޭދޭ ކަމަށާއި ފުލުހުން އެދިފައިވަނީ އަމިއްލަ ގޮތުން ބައްދަލުކުރަން ކަމަށް އެ އާއިލާއިން ތުހުމަތުކޮށްފައިވެއެވެ.
ޔުމްނުގެ މައްސަލައިގައި ފުލުހުން ހާމަ ކުރާ މައުލޫމާތަށާއި ތަހުގީގު ކުރިއަށްގެންދާ ގޮތަށް އިތުބާރު ނުކުރެވޭ ކަމަށާއި އެ ތަހުގީގަށް މައްސަލައާ ގުޅުން ހުރި ސަރުކާރުގެ އިސް ވެރިންތަކެއްގެ ނުފޫޒު ފޯރުވާ ކަމަށް ބުނެ ޒުވާނުންތަކެއް ސިލްސިލާ މުޒާހަރާތަކެއް ކޮށްފައިވެއެވެ.