
މިކަން ރައީސް ނަޝީދު ފާހަގަކުރެއްވީ އެމަނިކުފާނުގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅުވައި ރައީސް ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއާމަލާތް ކުރެއްވި ކަމަށް ނޫހަކުން ޝާއިއުކުރި ހަބަރުގައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ރައީސް ނަޝީދުގެ އޮފީހުން އިތުރަށް ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަކީ ނަޒާހަތްތެރިކަމާމެދު ދުވަހަކުވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރައްވާނެ ބޭފުޅެއްކަމާމެދު ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށާއި، މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ މަނިކުފާނު އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެވުނު ކަމަށެވެ.
ދެހާސް އަށްވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ދާއިމީ ސުޕްރީމް ކޯޓުގެ ބެންޗަށް މުއުތަސިމް އައްޔަންކުރެއްވީ 2010 ވަނަ އަހަރު އޭރުގެ ރައީސް ނަޝީދެވެ.