
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖު ދުވަހާއި އަޝްހާ އީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށެވެ.
ކަލަންޑަރުގައި ވާގޮތުން އީދު ދުވަހާއި ގުޅިގެން ބަންދު ކަމުގައި ކަނޑައަޅާފައިވަނީ ޖޫން 6، 7، 8 އަދި 9 ވަނަ ދުވަހެވެ. އެއީ ހުކުރު، ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހެކެވެ. އެއާ ވިދިގެން އަންނަ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހަކީ ރަސްމީ ދުވަސް ތަކެވެ.
ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މިއަދު ކަމަށް ސައުދީން ކަނޑައަޅާފައިވާއިރު، މިއަހަރުގެ ބޮޑު އީދު ފާހަގަ ކުރުމަށް ރަށްރަށުން އަންނަނީ ތައްޔާރުވަމުންނެވެ. ސަރުކާރުން ވެސް ވަނީ ބޮޑު އީދު ފާހަގަ ކުރުމަށް ތިން ރަށެއް ކަނޑައަޅާފަ އެވެ. ބޮޑު އީދު ފާހަގަ ކުރަން ޝައުގުވެރިވެގެން ޕްރޮޕޯޝަލް ހުށަހެޅި 26 ރަށުގެ ހުށަހެޅުން ރިވިޔު ކުރުމަށް ފަހު، މިއަހަރުގެ އީދު ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ސަރުކާރުން ނިންމާފައިވަނީ ހއ.ކެލާ, ކ. ގުރައިދޫ, އަދި ލ. ގަމެވެ.