
ރޫބިއޯ ސޮއިކުރައްވައި އެމްބަސީތަކާއި ކޮންސިއުލޭޓްތަކަށް ފޮނުއްވާފައިވާ ލިޔުމެއް އޭއެފްޕީއަށް ފެނިފައި ވާއިރު އޭގައި ވަނީ ސްޓޫޑެންޓް ނުވަތަ އެކްސްޗޭންޖް ވިސާއަށް އިތުރު އެޕޮއިންޓްމަންޓެއް ދިނުން، އެކަމާ މެދު ވަކި ގޮތަކަށް އަންގަންދެން މެދުކަނޑާލުމަށެވެ. އަދި މިފަދަ ވިސާތައް ދިނުމުގެ ކުރިން، ވިސާއަށް އެދޭ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލަންޖެހޭ ގޮތުގެ އާ އިރުޝާދެއް ދޭނެ ކަމަށް ވެސް އޭގައިވެ އެވެ.
އެމެރިކާގެ މިޝަންތަކުން އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމުގައި އާންމުކޮށް ވެސް ވަރަށް ބޮޑަށް ލަސްވާއިރު ރޫބިއޯގެ އެންގެވުމުން ބޮޑަށް ބެލެވެނީ ވިސާ ދިނުން މެދުކަނޑާލުމަކީ މާ ގިނަ ދުވަހުގެ ކަމެއް ނޫން ކަމަށެވެ. އޭގައި ބުނެފައިވަނީ ލަސްތަކެއް ނުވެ އާ އިރުޝާދެއް ދޭނެ ކަމަށާއި އޭރުން ކުރިއެކޭ އެއްގޮތަށް އެޕްލިކޭޝަންތައް ބަލައިގަނެވޭނެ ކަމަށެވެ.
މި ފިޔަވަޅަކީ ޓްރަމްޕްގެ ވެރިކަމުގައި ޔުނިވާސިޓީތަކަށާއި ދަރިވަރުންނަށް ޕްރެޝަރު ބޮޑުކޮށް އެމެރިކާގައި ކިޔަވަން އުޅޭ ބިދޭސީ ދަރިވަރުންނަށް އަމާޒުކޮށް އެޅި އެންމެ ހަރުކަށި އެއް ފިޔަވަޅެވެ. އޭގެކުރިން އެމެރިކާއިން ވަނީ ހާވާޑް ޔުނިވާސިޓީން ބިދޭސީ ދަރިވަރުންނަށް ފުރުސަތު ދިނުންވެސް މަނާކޮށްފަ އެވެ.
އެ ޔުނިވަސިޓީގައި މިހާރު ވެސް 25 ޕަސެންޓަށް ވުރެ ބޮޑު އަދަދަކަށް ބިދޭސީ ދަރިވަރުން އެތަބިއްބެވެ. ދަރިވަރުންގެ އަތުން އަހަރަކު އެތައް ހާސް ޑޮލަރެއް ޓިއުޝަން ފީގެ ގޮތުގައި ނަގަމުން އަންނައިރު، މިއީ ޔުނިވަސިޓީއަށް ލިބޭނެ މާލީ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ސަރުކާރުން މިހާރުވެސް އެ ޔުނިވަސިޓީގެ 2.2 ބިލިއަން ޑޮލަރުގެ ފަންޑު ވަނީ ހިފަހައްޓާފަ އެވެ. ހާވާޑުން ވަނީ މި މައްސަލާގައި ވެސް އެމެރިކާގެ ސަރުކާރާއި ދެކޮޅަށް ދައުވާކޮށްފަ އެވެ.
ޓްރަމްޕްގެ ސަރުކާރުން ވަނީ ޔުނިވާސިޓީތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ފައިސާ ދިނުން ހުއްޓާލައިފަ އެވެ. އަދި އެތައް ހާސް ވިސާއެއް ކެންސަލް ކުރުމުގެ އިތުރުން ދަރިވަރުން ޑީޕޯޓް ކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. އޭގެ ތެރެއިން ގިނަ ކަންތައްތަކެއް ކޯޓުތަކުން ވަނީ ހުއްޓުވައިފަ އެވެ.