އެމްޓީސީސީން ބުނީ މިހާރު ކުރިޔަށްދަނީ ފެން ހިނދާ ނިޒާމުގެ މަސައްކަތްކަމަށާއި އެ މަސައްކަތްވެސް މިއަދު ނިންމޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެއިތުރުން މަގުމަތީގެ ނިޝާންތަކާއި ސައިންބޯޑްތައް ހަރު ކުރުމުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއު ނިމޭއިރު މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހަދާނެކަމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ވަނީ ބުނެފައެވެ. މަގުގެ ގާތްގަނޑަކަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅަން ވަނީ ނިންމާފައެވެ. އެއީ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.
އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ.
އެމްޓީސީސީން މިއަދު ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ކޮށްފައެވެ. ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާނީ މަސްމާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށެވެ. އެ މަސައްކަތުގެ ދަށުން މަގު ފުޅާކޮށް އެ މަގުގައި ތާރު އަޅާނެއެވެ