މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ނިންމާލުމަށްފަހު ގައުމީ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އަބްދުއްރަހީމް ވިދާޅުވީ، މަޖިލިސް އޮންނާނީ އަބަދުވެސް ރައްޔިތުންނާއެކު ކަމަށާއި ސުޕަމެޖޯރިޓީގެ މަންފާ މަޖިލީހުގެ މެންބަރުން ނުނަންގަވާނެ ކަމަށެވެ. އަދި މަޖިލީހުން މިހާތަނަށް މަސައްކަތް ކުރަމުން އައީ އަދި ކުރަމުންގެންދާނީވެސް ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި މަޖިލީހުގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުމުގައިވެސް މި ފާއިތުވެދިޔަ ދުވަސްތަކުގައި ނަމޫނާ ދައްކާފައިވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރުންނަކީވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކުރާ ބައެކެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން އުއްމީދުކުރާ ނުވަތަ މަޖިލީހާ ދޭތެރޭގައި ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި 20ވަނަ މަޖިލިސް ވަރަށް ސާބިތުކަމާއެކު އޮންނާނެ. 20ވަނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އަދި ރައްޔިތުން ބޭނުންވާ އުއްމީދުތައް ހާސިލްކުރުމަށް ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަޖިލީހުގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރުމަށް،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.