ads
ބީއެމްއެލްގެ އޭޖީއެމްގައި ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވަހަހަކަދައްކަވަނީ -- ފޮޓޯ: ބީއެމްއެލް
ބޭންކުތަކުގައި ހުރި ޑިޕޮސިޓްގެ %58 ހުރީ ބީއެމްއެލްގައި
ކަަސްޓަމަރުންގެ ޑިޕޮސިޓް 32 ބިލިއަން ރުފިޔާއަށް އިތުރުވެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މިއަދު އޮތީ ރާއްޖޭގެ ހުރިހާ ބޭންކުތަކެއްގައި ހުރި ކަސްޓަމަރުންގެ ޑިޕޮސިޓްގެ %58 ބަހައްޓާފައިވާ ބޭންކުގެ ގޮތުގައި ކަމަށް ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ، އެ ބޭންކުގައި ކަސްޓަމަރުގެ ޑިޕޮސިޓް 32 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އޭނާ ވިދާޅުވީ، ޑިޕޮސިޓްގެ އިތުރުން ބޭންކުން ދޫކޮށްފައިވާ ލޯނުގެ އަދަދު 21.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

"ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލައަށްވުރެ ގިނައިން، ޖުމްލަ ލޯނުގެ 51 ޕަސެންޓް ލޯނު ދޫކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، މިދިޔަ އަހަރުގެ ކާމިޔާބީތައް މިއަހަރުވެސް ބޭންކުން ހިފަހައްޓާނެ ކަމަށާއި މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނި އެބޭންކުން އާންމުންނާއި ވިޔަފާރިތަކަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 72 ޕަސެންޓުގެ ކުރިއެރުމެކެވެ.

ބީއެމްއެލް އުފެއްދީ 10 މިލިއަން ރުފިޔާގެ ކެޕިޓަލަކުން ކަން ފާހަގަކުރައްވައި، ޝަރީފް ވިދާޅުވީ ހަރުދަނާ މިންގަނޑެއްގައި ފައިދާ އަލުން އިންވެސްޓްކުރަމުން ދިއުމުގެ ސަބަބުން މިއަދު ބޭންކުގެ ކެޕިޓަލް 14 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފައިވާ ކަމަށެވެ.

"މިއީ ބޭންކުގެ ހިއްސާދާރުން ފަޚުރުވެރިވާނެ ނަތީޖާއެއް. ރައުސުލްމާލު އިތުރުކުރުމަކީ މާލީ މުއައްސަސާއެއްގެ ކުރިއެރުމަށް ނުހަނު މުހިންމު ކަމެއް. ބީއެމްއެލް ފަދަ ސިސްޓެމިކަލީ މުހިންމު ބޭންކަކަށް، ވަރުގަދަ ރައުސުލްމާލެއް ބިނާ ކުރުމަކީ ވަރަށް މުހިއްމުކަމެއް،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ބޭންކުގެ ރައުސުލްމާލު ވަރުގަދަކުރުމަކީ ޑިޕޮސިޓަރުން ރައްކާތެރިކުރުމަށާއި، ވަރުގަދަ މާލީ ބިންގަލެއް އެޅުމަށާއި، އިގްތިސާދީ ގޮންޖެހުންތަކާ ކުރިމަތިލައި، ދިގު މުއްދަތަކަށް ފައިދާ ދެމެހެއްޓުމަށް މަގުފަހިކުރަން މުހިންމު ކަމެއް ކަމަށެވެ.

މިދިޔަ އަހަރު ބޭންކުން ވަނީ 643 މިލިއަން ރުފިޔާގެ ޓެކްސް ދައްކާ، ސާފު ފައިދާގެ ގޮތުގައި 2.25 ބިލިއަން ރުފިޔާ ހޯދާފަ އެވެ. އެއީ އޭގެ ކުރީ އަހަރަށްވުރެ އަށް ޕަސެންޓުގެ އިތުރުވުމެކެވެ.

ބޭންކުގެ ބެލެންސް ޝީޓަށް 2.8 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބި، އަހަރު ނިމުނު އިރު ޖުމްލަ އެސެޓްތައް 48.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާއިރު، ޝަރީފް ވިދާޅުވި ގޮތުގައި، އެ ނަތީޖާއިން ކަށަވަރުކޮށްދެނީ ބީއެމްއެލްގެ ހިންގުމުގެ ހަރުދަނާކަމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް