
އިމިގްރޭޝަނުން ބުނީ މި ތިން ބިދޭސީން ހައްޔަރުކޮށްފައިވަނީ އިއްޔެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައިކަމަށެވެ.
މޯލްޑިވްސް އިމިގްރޭޝަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް އެކުލަވާލާފައިވާ ޓާސްކް ފޯސްއިން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މީގެ އިތުރުން އެ އިދާރާއިން ބުނީ މި އޮޕަރޭޝަނުގައި ހުޅުމާލޭގައި ހުރި ބިދޭސީން ދިރިއުޅޭ އިމާރާތެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވާ ތިން ބިދޭސީން އުޅެމުން ގޮސްފައިވަނީ ސައްހަ ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށްކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން އަންނަނީ ގިނަ އަދަދެއްގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީންނާއި، ޓޫރިސްޓް ވިސާގައި އެތެރެވެ ގަވާއިދާ ހިލާފަށް އުޅެމުންދާ މީހުންގެ އިތުރުން ހަށި ވިއްކުމުގެ ނެޓްވޯކުތައް އަތުލައިގަނެ ގިނަ އަދަދެއްގެ މީހުން ވަނީ ރާއްޖެއިން ޑީޕޯޓު ކޮށްލާފައެވެ.