
އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް އަދި ހަމަޖެހިފައި ނުވާ ކަމަށެވެ.
އަލަށް އެކުލަވާލި އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން ޓެގު އެޅުވުމަށްފަހު ފުރަތަމަ ދެ މީހަކު ދޫކޮށްލީ އިއްޔެ އެވެ. އައު ނިޒާމުގެ ދަށުން ބަންދަށް ލުއި ދެނީ އެ މީހަކު ބަންދުން ދޫކޮށްލުމުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ މިންވަރު ބެލުމަށް ފުލުހުންނާއި ކަރެކްޝަނުން ހަދާ އެސެސްމަންޓަކަށް ބެލުމަށްފަހުގައެވެ.
ޓެރަރިޒަމްގެ ބޮޑު މައްސަލައެއް ގޮތުގައި ބަލާނީ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުމާއި، ގަދަކަމުން މީހަކު ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި، އުޅަނދެއް ހައިޖެކްކުރުމާއި، އާންމުންގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުން ފަދަ ކަންކަމާ ގުޅިގެން ދައުވާކޮށްފައިވާ މައްސަލަތަކެވެ.
މިހާރު ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރޭގައި ތިމަރަފުށީ ސްކޫލު ގޮއްވާލަން އުޅުނު މައްސަލަ އާއި ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ އަދި ޖުމްހުރީ ޕާޓީގެ ހަރުގެ ގޮއްވާލަން ރޭވި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހިމެނެއެވެ.