
މި އެވޯޑް އެމެނިކުފާނަށް އަރުވާފައިވަނީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެންނެވެެ. މި އެވޯޑް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ރައީސް މުއިއްޒަށް އަރުވާފައި ވަނީ، ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކޮށް، ދުންފަތާއި ދުރު މުޖުތަމައެއް ބިނާކުރުމަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ހަރުދަނާ މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ގޮތުންކަމަށް ރައީސް އޮފީހުން ބުނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް މި އެވޯޑް، އިއުލާން ކުރައްވާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު، ދިވެހި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ދައްކަވަމުންގެންދަވާ ނަމޫނާ ލީޑާޝިޕާއި ދުރުވިސްނުންފުޅަށް ތާރީފު ކުރައްވައި ފޮނުއްވި ރަސްމީ މެސެޖެއްގައެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށާއި އަލަށް ތައާރަފުވަމުން އަންނަ ނިކޮޓިންގެ ބާވަތްތައް ފެތުރުން މަދުކުރުމަށް، ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތާރީފުކޮށް، ރައީސް ޑރ. މުއިއްޒު އިސްނެންގެވުމުގެ ދަށުން ތަންފީޒުކުރައްވާ ސިޔާސަތުތަކާއި، ގެންނަވާފައި ހުރި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިކަމަށް ރައީސް އޮފީހުން ބުނެެއެވެ.
އެގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި މުހިންމު އިސްލާހުތައް ތަސްދީގުކުރުމުން ދިވެހި ރާއްޖެއަށް އެރޮނގުން ފާހަގަ ކޮށްލެވޭފަދަ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި، ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ސަރަހައްދުތައް އިތުރުކުރުމާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކެއް، ރާއްޖެ އެތެރެކުރުމާއި ގެންގުޅުން މަނާކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެވިއްކުމުގެ ގާނޫނީ އުމުރުފުރާ، 21 އަހަރަށް އިތުރުކުރެއްވުމާއި، ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުމާއި ސްޕޮންސާކުރުން، މަނާކުރުންވެސް ޑަބްލިއއުއެޗްއޯއިން ފާހަގަކުރިކަމަށް ރައީސް އޮފީހުން ބުނެެއެވެ.
މީގެ އިތުރުންވެސް، ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި، ދުންފަތް ވިއްކާ އަގު ބޮޑުކުރުމާއި ދުންފަތުގެ ބާވަތްތަކަށް ވާސިލުވެވޭނެ މަގުތައް ހަނިކުރުމުގެ ގޮތުން ސަރުކާރުން އެތައް މަސައްކަތްތަކެއް ގެންދަނީ ކުރަމުންކަމަށް ރައީސް އޮފީހުން ބުނެއެވެ. ދުންފަތުން ލިބޭ ގެންލުންތަކަށް ހޭލުންތެރިކޮށް އެކަން ހުއްޓާލުމަށް އެހީތެރިވެދޭނެ ހިލޭ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ މަރުކަޒުތަކުގައި ވަނީ ގާއިމުކުރެވިފައެވެ.
މި މަސައްކަތްތަކަކީ ހަމައެކަނި ދިވެހި ރާއްޖެއަށް ލިބިގެންދިޔަ ކާމިޔާބީއެއް ނޫންކަމަށާއި މި ކަމަކީ ދުންފަތުގެ ނުރައްކަލުން ސަލާމަތް ވުމަށާއި، ދުންފަތުގެ ސަބަބުން ސިއްހީ ގޮތުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމާޒުހިފާފައިވާ އެހެން ޤައުމުތަކަށްވެސް ވަރަށް ހަރުދަނާ ނަމޫނާއެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. މިރޮނގުން ރާއްޖެއިން ގެންގުޅޭ ސިޔާސަތު އެ ޖަމުއިއްޔާއިން ސިފަކޮށްފައިވަނީ މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކޮށްދޭނެ ތަސައްވުރެއްގެ ގޮތުގައެވެ.