
އެ މިނިސްޓްރީން ބުނީ، ގުޅީފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް އަށް ބަދަލު ގެނެވި، އާ ލޭންޑް ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭނަށް ރިޢާޔަތްކޮށް ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމަށް ނިންމާފައިވާ ކަމަށެވެ.
ގުރުއަތުލުން އޮންނާނީ މިއަދު މެންދުރު ފަހު 2:30 ގައި އުސްފަސްގަނޑު ސަރަހައްދުގަ އެވެ. މި ގުރުއަތުލުމުގައި ބައިވެރިވާނީ މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކެވެ.
ބިން ލިބޭ ފަރާތުގެ ބަދަލުގައި އެހެން މީހަކު ގުރުލުމަށް ފޮނުވާ ނަމަ އެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ. ބޭނުންވަނީ ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ހާޒިރުވާ މީހާގެ އައިޑީ ކާޑުގެ ކޮޕީއެއް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ، ގުރުނެގުން ކުރިއަށް ގެންދާ ވަގުތު ޕްލޮޓްތައް ލިބޭ މީހުންގެ މައުލޫމާތު ހިޔާވަހި ޕޯޓަލް އިން ފެންނާނެ ކަމަށާއި ޕްލޮޓް ލިނޭ މީހާ އަށް ވަގުތުން މެސެޖު ލިބޭ ކަމަށެވެ. އަދި ގުރުއަތު ނެގުން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ދައްކާނެ ކަމަށް ބުންޏެވެ.
މިދިޔަ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ދަށުން ގުޅިފަޅުން 2،000އަށް ވުރެ ގިނަ ގޯތި ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 ފަރާތެއްގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދޭން ވެސް ވަނީ ނިންމާފަ އެވެ.
އެ ތަންތަނުގެ ރަޖިސްޓްރީ މި މަހު ހަވާލުކުރަން ފަށާނެ ކަމަށް މިދިޔަ އެޕްރީލް މަސްތެރޭ މިނިސްޓަރު އޮތީ ވިދާޅުވެފަ އެވެ.
ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުންނާއި ނުހިއްކާ އޮތް ބައިން ވެސް މާލޭގެ ރައްޔިތުންނަށް ކުރީގެ ސަރުކާރުން ވަނީ ގޯތިތައް ދޫކޮށްފަ އެވެ. ނަމަވެސް އެ ފަޅު އަދި ވެސް ވަނީ މުޅިންހެން ހިއްކާ ނުނިމި އެވެ.
ގުޅިފަޅުގެ ބިން ހިއްކުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެށި ނަމަވެސް، 150 ހެކްޓަރުގެ ބިން ހިއްކައި ނިމުނީ މި ސަރުކާރުގައި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކާނެކަން މީގެ ކުރިން އިއުލާންކުރައްވައިފަ އެވެ.