
މި ހިބަރު ބާނާފައިވަނީ ޑިންގީއެއްގައި މަހަށް ނުކުތް ހއ. ބާރަށަށް އުފަން ފާއިޒް އަބްދުﷲ އެވެ.
އާއްމުކޮށް ހިބަރު މަސްވެރިކަމަށް ނުކުންނަ ފާއިޒު މި ބޮޑު ހިބަރު ބާނާފައިވަނީ އިއްޔެއެވެ. ވައިގަދަވެ ކަނޑު ގަދަކަމުން މަހަށް ނުނިކުންނަށް ހުރެފައިވެސް މަހަށް ނުކުތް ފާއިޒުގެ ވަދުގައި މި މަސް ހިބަރު ގަތީ މަސްވެރިކަން ނިންމާފައި ރަށަށް ދަތުރުކުރަމުން ދަނިކޮށެވެ.
މަހަށް ނުކުމެ ތިން ފަން ހިބަރު ބޭނުމުން ފާއިޒް ނިންމީ ރަށަށް ދަތުރުކުރުމަށެވެ. އޭނާގެ ޑިންގީ ރަށަށް މިސްރާބު ޖެހީވެސް ވަދު ދޫކޮށްގެންނެވެ. މަސް ހިބަރު ގަތީ އެ ވަދުގައިކަމަށް ފާއިޒު ބުންޏެވެ.
131 ކިލޯގެ ހިބަރު ޑިންގީއަށް ނުނެގިގެން ފާއިޒު ގުޅީ އޭނާގެ ބޭބެއަށެވެ. އަދި އެދުނީ ފިއްލަދޫގައި ރައްޓެއްސެއް ހުރި ނަމަ އޭނާއަށް ހިބަރު ނަގާދިނުމަށް ފޮނުވާދިނުމަށެވެ.
ފާއިޒު ބުނީ އެ ބޮޑު މަސް ހިބަރު ޑިންގީއަށް ނެގުނީ ތިން ގަޑިރުގެ މަސައްކަތުން ކަމަށެވެ. ފާއިޒު ވަނީ ހިބަރު ވިއްކާލާ ރަނގަޅު އާމްދަނީއެއްވެސް ހޯދާފައެވެ. އެގޮތުން އޭނާ އެ ހިބަރުގެ މަސް ވިއްކީ ކިލޯއެއް 25 ރުފިޔާގެ މަގުންނެވެ.