
އާދިއްތަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ދަށްކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މިފަދަ ބަދަލެއް ގެނައުމަށްޓަކައި ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ދިރާސާކޮށްފައިވާނެ ކަމަށެވެ.
ރާއްޖޭގައި މިފަދަ ބަދަލެއް ގެނެވެނީ ފުރަތަމަ ފަހަރަށް ކަމަށް ފާހަގަކުރައްވައި، ސަރުކާރު ކުންފުނިތަކުގެ ހުރި މައްސަލަތަކުން ނުވަތަ ސަރުކާރުގެ ހަކަތަ މެނޭޖުކުރުމުގެ ސިޔާސަތުގެ މައްސަލައަކުން ދިމާވާ ބުރަ ރައްޔިތުން އުފުލަން ސަރުކާރުން ބޭނުންނުވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައްޔިތުންނަށް އަތްފޯރާފަށެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި ނިންމުން ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކަރަންޓު ޓެރިފް ރޭޓުތައް ދަށްކުރުމަށް ނިންމާފައިވާ ނިންމުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ސްޓެލްކޯގެ ހިންގުން ހަރުދަނާކުރުމާއި ފެނަކައިގައި ހުރި މާލީ މައްސަލަތައް ރަނގަޅުކުރުމުގެ އިތުރުން އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން ބާރުލިބިގެންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މި ނިންމުން ދެކޮޅު ޖެއްސުމަށްޓަކައި ގެންނަން ޖެހުނު ކޮންމެ ބަދަލެއް ގެނެސްގެން ވިޔަސް ދެކޮޅު ޖައްސަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މި ބަދަލާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސްޓެލްކޯއާއި ފެނަކައިގެ ކަރަންޓު ޓެރިފް ރޭޓުތަކަށް އެއްކޮށް ބަދަލު އަންނާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.