
ރައީސް ޑރ. މުއިއްޒު އަޒުމާއެކު މި އަހަރުގެ ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމެވިކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވިއެވެ.
ޝުޖާއު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ގައުމީ ދުވަހާ ގުޅޭގޮތުން ސަގާފަތާއި ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އާއެކު މަޝްވަރާކުރެއްވި ކަމަށެވެ. އަދި މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ހއ. އުތީމުގައި ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ރާއްޖޭގެ ތާރީހުގައިވާ މުހިންމު ދުވަސްތައް ފާހަގަކޮށް އިހު ޒަމާނުގެ ހަނދާންތައް އާލާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި ބެލެވެއެވެ.