
ވާނުވާ ބަންދުގައި ތިބި މީހުންގެ ބަންދަށް، އިލެކްޓްރޯނިކް މޮނިޓަރިން ޓެގް އެޅުވުމަށްފަހު، ލުއި ދިނުމުގެ މަސައްކަތް މިދިޔަ ހަފްތާގައި ފަށާފައިވާއިރު، ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދަނީ، އެ މީހުން މޮނިޓާ ކުރެވޭ ގޮތަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށްކަމަށް ޕީޖީ އޮފީހުންވަނީ ބުނެފައެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް އަދި ހަމަޖެހިފައި ނުވާ ކަމަށް ޕީޖީ އޮފީހުންވަނީ ބުނެފައެވެ. އެކަމަކު މިދިޔަ ހަފްތާގައި ޓެގް އަޅުވައި ދޫކޮށްލި އެކަކީ ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ ހަފްތާގައި ދޫކޮށްލި އެކަކީ މިދިޔަ ޑިސެމްބަރު މަހުފަހުކޮޅު، ޝަރީއަތް ނިމެންދެން ބަންދު ކުރި 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރި އަމުރުގައިވާ ގޮތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އޭނާ ބަލައި ގޮސްފައިވުމުން، އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ބައިވެރިވުމެއް އޮތް މީހެއް ކަމަށް ބެލެވެއެވެ.
އޭނާގެ މައްޗަށް މިހާރު ދެ މައްސަލައެއްގައިވަނީ ދައުވާ އުފުލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ، ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުން އަދި ކެނަބިސް ބޭނުން ކުރުމުގެ ދައުވާއެވެ.
މި މީހާ ޓެގް އަޅުވައި ދޫކޮށްލާފައިވަނީ 100 ދުވަހަށެވެ. އެ މުއްދަތުގައި އޭނާގެ މައްޗަށް ކޯޓުންވަނީ ނުވަ ކަމެއް ޝަރުތުކޮށްފައެވެ.