
މި ދައުވާ ފަސްޓް ލޭޑީ ސާޖިދާ ވަނީ މަންދީ އާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ކުރައްވާފައެވެ. ދައުވާ ކުރެވުނީ ވޭޕް މަނާކުރުމާ ރައީސްގެ ދަރިކަލުން ގުޅުވައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.
މި މައްސަލައިގައި ދައުވާ ލިބުނު ފަރާތްތަކުން ދައުވާއަށް ޖަވާބުދާރީނުވެ، ސިވިލް ކޯޓަށް މި މައްސަލަ ބެލުމުގެ އިހްތިސާސް ނެތް ކަމަށް ބުނެ އިއުތިރާޒު ހުށަހެޅިއެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ މި މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާއަށް ޖަވާބުދާރީވުމަށް ދައުވާ ލިބޭ ފަރާތްތަކަށް ވަނީ އަންގާފައެވެ.
ރައީސްގެ އާއިލާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ނެރުނު ބަޔާނެއްގައި ބުނީ، މި ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެ، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މި ވާހަކަތަކުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.