ads
ކުޅުއްދުއްފުށީގައި ސޯލާ ހަކަތައިން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމްކުރުމަށް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކުރުން
ކުޅުއްދުއްފުށީގައި ސޯލާ ހަކަތައިން ކަރަންޓު އުފައްދަން ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށްފި
ހދ. ކުޅުދުއްފުށީގައި ފެނުގެ ހިދުމަތް އެއްކޮށް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ޖަޕާނު ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން މުހައްމަދު ވިދާޅުވީ، އެކުންފުނިން މިވަގުތު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފޯރުކޮށްދެމުންދާ ފެނުގެ ހިދުމަތަކީ ޑީސެލަށް ބަރޯސާވެގެން، ދެވޭ ހިދުމަތެއް ކަމަށެވެ. 

މިވަގުތު އެ ހިދުމަތް ދެނީ ރަށްރަށުގެ ކަރަންޓު ގްރިޑް މެދުވެރިކޮށް ލިބޭ ހަކަތައިންކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ މިފަދަ ނިޒާމެއްގެ ސަބަބުން، މިކަމަށް ކުރަންޖެހޭ ހަރަދުގެ ބޮޑު ބައެއް ސަލާމަތް ކުރެވިގެންދާނެ ކަމަށެވެ.

" މިމަސައްކަތް ވެގެންދާނެ ރާއްޖޭގެ ޔޫޓިލިޓީ ކުންފުނިތަކަށްވެސް ބޭނުންތެރި މަސައްކަތަކަށް، މިއާއެކު ފެނުގެ ހިދުމަތް ދިނުމަށް ކުރެވޭ ހަރަދުތައް ކުޑަކުރެވި ދައުލަތުގެ ދަރަނި ކުޑަކުރުމަށް އެހީތެރިވެދޭނެ" މަތީން ވިދާޅުވި އެވެ.

މިމަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ޑީސެލިނޭޝަން ޕްލާންޓަކީ މުޅި އެސިޓީއަށް ބޭނުންވާ ފެން އުފެއްދޭނެ ޕްލާންޓެއް ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއެވެ.

އެމްޑަބްލިއުއެސްސީ އާއި ޖަޕާނުގެ ކެނެޑޭވީއާ ކުންފުންޏާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ޒީރޯ ކާބަން ސޯލާ ޑީސެލިނޭޝަން ޕްލާންޓެއް ގާއިމްކުރާނެ އެވެ.

މިއެއްބަސްވުގެ ދަށުން ގާއިމްކުރާ، ސޯލާ ހަކަތަ ބޭނުންކޮށްގެން ހިންގާ ޑީސެލިނޭޝަން ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ކިއުބިކް މީޓަރުގެ ފެން އުފައްދައިދޭ ޑީސެލިނޭޝަން ޕްލާންޓެކެވެ. މި ޕްލާންޓަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ޕްލާންޓުގައި 500 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރެވޭނެ އެވެ. އަދި މިނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް 1450 ކިލޯވޮޓުގެ ބެޓަރި ނިޒާމެއް މި ޕްލާންޓުގައި ގާއިމްކުރާނެ އެވެ.

މި މަޝްރޫއުގެ ސަބަބުން އަހަރެއްގެ މައްޗަށް ދެ ލައްކަ ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާ ކުރެވޭއިރު، މިކަމުގެ ސަބަބުން އަހަރަކު 573 ޓަނުގެ ކާބަން ޑައިއޮކްސައިޑް ޖައްވަން ދިޔުން ހުއްޓުވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް