
މިއަދު މެންދުރު ފަހު 12:40 ހާއިރު މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. ކަރަންޓު ކެނޑުނީ މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި މައްސަލައަކުންނެވެ.
ފަހުމީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޓަކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ ވަނީ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.
އެއާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:30 ހާއިރު އެވެ. އޭގެ ފަސްގަޑިއިރު ފަހުން މިހާރު ވަނީ މާލެ ސަރަހައްދަށް އެއްކޮށް ކަރަންޓުގެ ހިދުމަތް އަލުން ދީފަ އެވެ. މިއީ މިފަހުގެ ތާރީހުގައި ވެސް މުޅި މާލެ ސަރަހައްދުން އެންމެ ގިނަ ވަގުތަށް ކަރަންޓު ކެނޑުނު ފުރަތަމަ ފަހަރެވެ.
މުޅި މާލެ އެއްކޮށް ބްލެކްއައުޓް ވާން މެދުވެރިވީ ކީއްވެގެން ކަމެއް މިހާތަނަށް ސްޓެލްކޯއިން ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް، އެއްވެސް އިންޖީނަކަށް ނުވަތަ ޓްރާންސްފޯމަރަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އަންގަވައިފައެވެ. އެހެންވެ، ފުލުހުން ތަހުގީގެއް ފަށައިފައިވާއިރު، އެ މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެ މުއައްސަސާއިން ބުނެފައިވެ އެވެ.