ads
ކުށުގެ ސަޒާ - 25 ވަނަ ބައި
އެޕިސޯޑް 25
Advertisement

"އެއް މަސް...! އެއް މަސް، ފިޒާ..! ހޭއަރާނެކަމުގެ އުއްމީދެއް ނެތި، އަހަރެން އެގޮތުގައި އެއްމަސް ވަންދެން އޮތް..! އަހަރެންގެ ހާލަތު ކޮންމެ ވަގުތެއްގައިވެސް ކޯމާއަކަށް ހިނގައިދާނެކަމަށް ޑޮކްޓަރުން ދިޔައީ ބުނަމުން.. އެކަމަކު ﷲގެ ހެޔޮރަހްމަތްފުޅާ ހެޔޮއެދޭ އެތައް ފަރާތެއްގެ ބަރަކާތްތެރި ދުއާގެ އެހީގައި އަހަރެން ހޭ އެރީ އުއްމީދު ކަނޑާލާފައިވަނިކޮށް.." ކަޔާންގެ ދެމަފިރިންނަށް ބަލައިލަމުން ތާބިޝް ވާހަކަދެއްކީ ރިހުމުން ފުރިގެންވީ އަސަރުތަކަކާއެކު އެވެ. އޭނާގެ ގަދަ ރިހުމުގެ އެންމެ ހިމަ ރޮދިފަށްވެސް ފިޒާގެ ހިތާއި ހަމައަށް ދަތުރުކުރި އެވެ. 

"ހޭ އެރި..! އަހަރެންގެ ހާލުވެސް ދުވަހުން ދުވަހަށް އައީ ރަގަޅުވަމުން.. އެކަމަކު އަހަރެންގެ ތަގުދީރު އޮޔާގޮސް ލެއްގި އައްސޭރިއާމެދު ވިސްނާލަބަލަ..! ހަމައަށް ދެ ލޯ ހުޅުވި، ސިކުނޑީގެ ބޭނުން ހިފުނު އިރު އަހަރެންގެ ފުރާނަ، އަހަރެންގެ ހަށިގަނޑާއި ވަކިވެގެން ހިގައްޖެ.. އަންގާވެސްނުލާ އަހަރެންގެ ހަޔާތުން ފިޒާ ދުރަށްދިޔައީ ސިކުންތަކަށްވިޔަސް ކެތްނުކުރެވޭވަރުގެ ދިލަގަދަ ރިހުމާއި ކެކުޅުން އަހަންނަށް ދިފައި..!"

ކަރުނަ ވިދަމުންދިޔަ ދެ ލޮލުން ފިޒާއާއި ދިމާއަށް ބަލައިލާފައި ތާބިޝް ބުނެލި އެވެ. 

ފިޒާގެ ހިތް މިލިއަންސް އެތިކޮޅަށް ބުރަބަރައިގެން ދިޔަކަމުގެ އިހްސާސްކުރެވުނީ އަމިއްލަ ނަފުސު ކުށްވެރިކުރެވި ޖަވާބު ނުލިބުނު ސުވާލުތަކާއެކު އެވެ. ކަރުނައިގެ ތެރެއިންވެސް ހިނިތުންވާން ތާބިޝް މަސައްކަތްކުރަމުންދިޔަ އެވެ. ފިޒާއަށްޓަކައި އެވެ.

"އަހަރެން ހޯދަން ތާބިޝް އެއްވެސް މަސައްކަތެއް ނުކުރީކީއްވެ؟" މޭގައި އަތް އަޅާފައި ފިޒާ ސުވާލުކޮށްލި އެވެ. 

"ފިޒާ ހީކުރަނީ، ފިޒާ ހޯދަން އަހަރެން އެއްވެސް މަސައްކަތެއް ނުކުރާކަމަށްތަ..؟ އަހަރެންގެ ފުރާނައިގެ ވިންދު ހޯދުމަށް އަހަރެން ނުފޮރުޅާ އެންމެ ގަލެއްވެސް ނީންނާނެ.. އެކަމަކު ހީވި ކަހަލަ، ފިޒާ އަހަންނާއި ފިލީ ދުވަހެއްގައިވެސް ފީނާފައި އަހަންނަށް ވާސިލްނުވެވޭނެ ފުން ކަނޑެއްގެ ތެރޭގައޭ..! ރެއާއި ދުވާލު އަހަރެންގެ މަސައްކަތަކަށްވީ އަހަރެންގެ ފިޒާ ހޯދުން.. އެކަމަކު އެކަމެއް ނުވި.. އަހަންނަށް އަހަރެންގެ ފިޒާއެއް ނުފެނުން..! އެކަނިވެރި ދުނިޔޭގެ ގަދަރިހުމުގެ ތެރެއަށް އަހަރެން ދޫކޮށްލާފައި ފިޒާ އުޅުނީ ދުނިޔޭގެ ކޮން ދިމާއެއްގައިކަންވެސް އަހަންނަކަށް ނޭގެ.." ޝަކުވާއިން ފުރިގެންވީ ބެލުމަކުން ފިޒާއަށް ބަލައިލާފައި ތާބިޝް ހަތަރުކަޅި ހަމަކުރި އެވެ. 

ދައްކަންހުރި ކިތަންމެ ވާހަކައެއް ހިތުގައި އާވަމުންދިޔަ ނަމަވެސް، ތާބިޝް އިހްތިޔާރުކުރީ ހިނދުކޮޅެއްގެ ހިމޭންކަމެވެ.

"ތާބިޝް..! އަހަރެންގެ ބޭބެއާއި ދައްތަ، ތާބިޝްގެ ފޯނަން ވަރަށް ގުޅި..! އެކަމަކު.." ފިޒާ ބުނަން އުޅުނުއެތި ނުބުނެ އިސްޖަހައިލި އެވެ.

ފާއިތުވި މާޒީގައި ހިތުގައި އޮތް ޝަކުވާ އަދިވެސް އާރޯކަންމަތީގައި ފޮރުވާފައި އޮތްކަން ތާބިޝްއަށް ޔަގީންވީ ފިޒާ ބަލައިލި ގޮތުންނެވެ. 

"އަހަރެންގެ ފޯނު އޮތީ މަންމަ އަތުގައި.. ބައްޕައަތަށްވެސް އެ ފޯނު މަންމަ ނުދިން.. ކަޔާންއާއި އަޝްކާ އެވަގުތު މާލޭގައި ތިބިނަމަ އެދުވަހުގެ ހާލަތު ތަފާތުވީސްކަންނޭގެ..! އެކަމަކު އަހަރެންގެ ނަސީބުގައި އެވަރުގެ އުފަލެއްވެސް ނެތް..! ކަޔާންއާއި އަޝްކާ އެވަގުތު ފުރަންޖެހުނީ މީޓިންއަކަށް ރާއްޖެއައިސްތިބި ޖަރުމަނުގެ ޓީމަކާއި ބައްދަލުކުރަން ރިސޯޓަށް..! އެދުވަހުގެ އެވަގުތު އެދެމީހުން ނުދިޔަނަމަ، ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކާއި ބައްޕަގެ ވިޔަފާރީގައި ކުރިމަތިލާންޖެހުނީސް.. އެހެންވީމައި ކަޔާންއަށް އެވަގުތު އެހެން ޗޮއިސްއެއް ނެތް..!" ތާބިޝްގެ ޖުމުލައާއެކު ފިޒާ ބަލައިލީ ކަޔާންގެ ދެމަފިރިންނަށެވެ. 

އާއެކޭ ބުނުމުގެ ގޮތުން ދެމީހުންވެސް ބޮލުން އިޝާރާތްކޮށްލުމުން ފިޒާގެ އެސްފިޔަތަކުގެ ތެރެއިން ކަރުނަތައް ފޫއަޅުވާލާފައި ބާރުކޮށްލި އެވެ. ފިޒާގެ ތަގުދީރު ކުޅެފައިވާ ޑްރާމާ ކިތަންމެ ހިއްދަތިވިޔަސް، އެއީ ހަގީގަތެވެ.

"ދެން ލަވާންޔާ..؟" ހިޔާލަކަށް ގެއްލިފައިހުރެ ފިޒާ ސުވާލުކޮށްލި އެވެ.

ތާބިޝް ހިންދިރުވާލީ، މަންމަގެ ފަރާތުން ލަވާންޔާއާއި ބެހޭގޮތުން، ފިޒާއަށް އިވިފައިހުރެދާނެ ވާހަކަތަކަށް ވިސްނާލާފަ އެވެ. 

"އަހަރެންނާއި ލަވާންޔާގެ ގުޅުން ބަދަހިކުރެވޭތޯ ނުވަތަ ކައިވެނީގެ ގޮތުން އަހަރުމެން ދެމީހުން ގުޅުވޭތޯ މަންމަ ވަރަށް މަސައްކަތްކުރި.. އެކަމަކު އަހަންނަށްޓަކައި ލަވާންޔާއަކީ ހަމައެކަނި ރަހްމަތްތެރިއެއް..! އެއަށްވުރެން އިތުރު ގުޅުމަކަށް ނުވަތަ އިތުރު އިހްސާސަކަށް އަހަރެން ދުވަހަކުވެސް ލަވާންޔާއަށް އިޝާރާތެއް ނުކުރަން.. އެފަދަ ފުރުސަތެއްވެސް ދުވަހަކުވެސް ނުދެން.. އެހެންވީމައި އަހަންނާއި ލަވާންޔާގެ ދެމެދު ތިޔަ ހީކުރާކަހަލަ، ނުވަތަ މަންމަ އުއްމީދުކުރިފަދަ އެއްވެސް ގުޅުމެއް ނޯންނާނެ.. ފިޒާ ނޫން އެހެން އެއްވެސް އަންހެންކުއްޖަކަށް އަހަރެންގެ މިހިތުން ޖާގައެއް ނުލިބޭނެ"! ލޯތްބާއި އިހްތިރާމުން ފުރިގެންވީ ބެލުމަކުން ފިޒާއަށް ތާބިޝް ބަލައިލި އެވެ.

"އަހަރެންގެ އެ ހާލަތުން އަރައިގަނެވުމާއިއެކު، ރެއާއި ދުވާލު އަވަދިނެތި ވަރަށް ބުރަކޮށް މަސައްކަތްކުރީން.. އެހެންއެއްވެސް ކަމަކާއިމެދު ވިސްނާނެ ހިތްވަރެއް އަހަރެންގެ ސިކުނޑީގައި ނެތުމުން، އަހަރެންގެ ހުރިހައި ވަގުތެއް ހޭދަކުރީ މަސައްކަތަށް.. އަހަރެންގެ ބިޒްނަސް ފުޅާކޮށް ކާމިޔާބުކުރުމަށް ލަވާންޔާގެ ބައްޕަ ވަރަށްބޮޑަށް އެހީތެރިވި.. މިހާރު އަހަރެންގެ ކޮމްޕެނީގެ ކާމިޔާބުގައި ލަވާންގެ ބައްޕަގެ ހިއްސާވަރަށް ބޮޑުވާނެ.. އެކަމަކު އަހަންނާއި ލަވާންޔާގެ ގުޅުމަށް އެއިން އެއްވެސް ކަމެއްގެ އަސަރެއް ކޮށްފައެއް ނުވާނެ.. އެފަދަ ފުރުސަތަކަށް އަހަރެން މަގުފަހިކޮށްފައިވެސް ނުވާނެ.." ޔަގީންކަމާއެކު ތާބިޝް ބުނެލީ ފިޒާގެ ސިކުނޑީގައި ތަގައްޔަރުވެފައިވާ ހިޔާލުތަށް ސާފުކޮށްދިނުމަށެވެ.

"އެކަމަކު ތާބިޝްގެ މަންމަ ބުނީ.. ލަވާންޔާއާއި ތާބިޝް.." ފިޒާގެ ދުލުގައި އޮތް ޖުމުލަ ބުނަންވެސް އޭނާއަށް ފަސޭހައެއް ނުވި އެވެ. 

ބަތުޝަބާގެ ވިހަ ޖުމުލަތަކުން ފިޒާއަށް ލިބިފައިވާ ނުތަނަވަސްކަން އޭނާގެ މޫނުން ސާފުކޮށް ފެނެ އެވެ. އިސްޖަހައިލީ އެ ހިޔާލުތަކުންވެސް ސިކުނޑި މިންޖުކުރެވޭތޯ އެވެ. ތާބިޝްގެ ކޮންމެ ޖުމުލައެއް ފިޒާގެ ލޮލުން ބޮލުން އޭނާ ގަބޫލުކުރާކަން ތާބިޝްއަށް އެނގޭ އެވެ.

"ތާބިޝްގެ މަންމައަށް ކިހިނެއްވީ..؟ އެފަދަ ހާލެއްގައި އެގޮތުގައި.. ތާބިޝްގެ މަންމަ..؟ ކީއްވެ..؟" ބަތްޝަބާއާއި ބެހޭގޮތުން ފިޒާގެ ހިތުގައި އެތައް ސުވާލެއް އެބައޮތެވެ. 

ނަމަވެސް ސާފުކޮށް ކުރަންވީ ކޮން ސުވާލެއްކަމެއް، ނުވަތަ އަމާޒުހިފަންވީ ކޮން ދިމާއަކަށްކަމެއް ފިޒާއަކަށް ނޭގުނެވެ. ކަޅިޖަހައިނުލާ ތާބިޝް ބަލަމުންދިޔައީ ފިޒާގެ ލޮލަށެވެ.  ބަސްބުނުމަކާއިނުލައި ފިޒާގެ އެތައް ވާހަކައެއް ދެނެގަތުމަކީ މިއަދުވެސް ތާބިޝްއަށް ފަސޭހަކަމެކެވެ. 

"މަންމަ..! އަހަރެންގެ މަންމަ ދޯ..! މީހުން ބުނޭނުން، އެމީހަކު ކުރިކަމެއްގެ ސަޒާ މިދުނިޔޭގައިވެސް އެމީހަކާއި އަރައި ހަމަކުރާނެޔޭ..! ކޮންމެވެސް ސިފައެއްގައި އެފަދަ ބޮޑެތި ކުށްތަކުގެ ސަޒާ އެމީހަކަށް ލިބޭނެޔޭ ބުނަނީ މިހެންވެ..! މަންމަގެ ހާދިސާއަކީ އޭގެ ދިރިހުރި ހެއްކެއް..؟ މަންމަ ތަހަންމަލްކުރަމުން އެދަނީ މަންމަ ކޮށައި އަލިކުރި މަގުން ލިބުނު ޒަހަމްތަކުގެ ވޭން.." ބުނަން އޮތް އެތި ފަސޭހަ ނޫންކަން ފިޒާއަށް އިހްސާސްވީ ތާބިޝް ލޯ ފޮހެލާފައި ރިހުމާއެކު ހިނިތުންވާން މަސައްކަތް ކުރުމުންނެވެ. 

"އަހަރެންގެ ހަޔާތުން މަންމަ ފޭރިގަތީ އަހަރެންގެ ފިޒާ..، އެއީ އަހަރެންގެ ދުނިޔެ! މަންމަގެ ހަޔާތުން އަހަރެން ފޭރިގަތީ މަންމަގެ ދުނިޔެ..! އެއީ އަހަރެން..!  އެހިސާބުން މަންމަގެ ހަމަބުއްދިފިލައި ދާން، މާގިނަ ދުވަހެއް ނުނެގި.. އަހަރެންގެ އެ ނިންމުމާއެކު މަންމަގެ ހަޔާތް ބަދަލުވެގެންދިޔަ ގޮތް ފިޒާއަށް އެ ފެނުނީ..!" ރިހުމުން ފުރިގެންވީ ބުނެލުމަކުން ތާބިޝް ބުންޏެވެ. 

ހިންދިރުވާލެވޭތޯ ތާބިޝް މަސައްކަތްކުރީ އޭނާގެ ހިތުގައި ގަދައަށް ރިހެމުންދާތީ އެވެ. ބުނާނެ އެއްޗެއް ނޭގިފައި ސުވާލުމާކެއްގެ ތެރޭގައި ހުރީ ފިޒާ އެވެ. ކަޔާންއާއި ސަވާނާގެ ކަރުނައަށް ބަދަލެއްވެސް ނާދެ އެވެ. ތާބިޝްއާއި އޭނާގެ މަންމަގެ ގުޅުމަކީ ކިހައި ބާރުގަދަ ގުޅުމެއްކަން ފިޒާއަށް އެހެންމީހަކު ބުނެދޭކަށް ނުޖެހޭނެ އެވެ. މަންމަގެ ބަހާއި ދެކޮޅަށް މުޅި ހަޔާތުގައިވެސް ތާބިޝް ނިންމީ އެންމެ ކަމެކެވެ. އެއީ ފިޒާއާއި ކައިވެނިކުރުމެވެ. އެނޫންކަމެއްގައި މަންމައާއި ދެބަސްވެ، ދެކޮޅުހެދުމަކީ ތާބިޝްގެ އިހްތިޔާރުގައި އޮންނަ ކަމެއްވެސް ނޫނެވެ. މަންމައާއި ތާބިޝްއާއި ދެމެދު ކަންކަންވެފައި އޮތީ ނުރައްކާ މިންވަރަކަށްކަން ފިޒާއަށް އިހްސާސްކުރެވުނެވެ. އިތުރަށް އަހަންބޭނުމެވެ. އެކަމަކު ސުވާލުކުރާނެ ހިތްވަރެއް ނުލިބުނެވެ. ކަރުނަ ވިދަމުންދިޔަ ދެލޮލުގެ ހިތާމައާއެކު ތާބިޝްއަށް ބަލައިލީ ހަމްދަރްދީން ފުރިގެންވީ އޯގާތެރިކަމާއެކު އެވެ. 

"އަހަރެންގެ ފިޒާ އަހަންނާއި ވަކިވެގެން ހިގައްޖެކަން އެނގުނުވަގުތަކީ އަހަރެންގެ ފުރާނައިގެ ތެރެއިން ދިރުން ނެތިގެންދިޔަ ވަގުތު.. އަހަރެންގެ ހަމަބުއްދި ފިލައިގޮސް، އަމިއްލަ ނަފުސު ކޮންޓްރޯލްކުރުމަކީވެސް އަހަރެންގެ އިހްތިޔާރުގައި އޮތްކަމެއް ނޫން.. އެދުވަސް ހިތަށް އަރުވާކަށްވެސް ބޭނުމެއް ނޫން..! އެކަމަކު އަހަރެންގެ ނަސީބު އޮތީ މިގޮތުގައި..! ހޮސްޕިޓަލުން ސެލްފް ޑިސްޗާޖްވެގެން އަހަރެން ގެއަށް އައިއިރު ހަތަރެސްފައި ތުރުތުރުއަޅާ..! މަންމައާއި ދިމާއަށް އެދުވަހު ކިޔުނު ނުކިޔުނު އެއްޗެއްވެސް ނޭގެ.. މުޅި އުމުރު ސިކުނޑީގައި އެއްކޮށްފައިހުރި ހުރިހައި ޝަކުވާއެއް އެވަގުތަށް ތައްޔާރުވެގެން ތިބިކަހަލަ..! އަހަންނާއިމެދު މަންމަ ކަންކަންކުރާ ހަރުކަށިކަމާއި މަންމަގެ އަމިއްލަ އެދުންބޮޑުކަމާއި އަހަރެންގެ އަމިއްލަ ކަންކަމުގައި މަންމަ ދޮގުހަދައި އޮޅުވާލައި މަކަރާއި ހީލަތުން ކޮށްފައިވާ ހުރިހާކަމެއްގެ ވާހަކަ މަންމައާއި ދިމާއަށް އަހަންނަށްކިޔުނީ ކޮންފަދަ ބާރެއް ލިބިފައިހުރެގެންކަމެއްވެސް ނޭގެ.. އެކަންކަމަށް ކެތްކުރިން! އެކަމަކު އަހަރެންގެ ފިޒާ އަހަރެން ކިބައިން މަންމަ ނިގުޅައިގަތުން އެއީ އަހަންނަށް ކެތްކުރެވޭނެކަމެއް ނޫން..! މަންމަ އަހަންނާއިމެދު ކަންކަން އެކުރިގޮތަކީ ދުވަހެއްގައިވެސް މަންމައަކު ދަރިއަކާ ދޭތެރޭގައި ކަންކަން ނުކުރާނެފަދަ އިހާނެތި ގޮތްތަކެއް..! ކަންކަމުގައި ހައްދެއް އޮންނާންވާނެ... އެކަމަކު އަހަންނަށް އިހާނެތިކޮށް ހިތުމަށް، ފިޒާއަށް ތަކުލީފު މަންމަ ދެމުންދިޔައީ ހައްދެއް ނެތި..! އަހަރެންގެ ފިޒާއަށް އިންސާފު ހޯދައިނުދެވުނަސް، މަންމަގެ ކުށަށް މަންމައަށް ކާމިޔާބު ލިބުނަނުދިނުމަށް އަހަންނަށް ކުރެވެންހުރި ހުރިހައިކަމެއް މަންމައާއި ދެކޮޅަށް ކުރިން.. އެދުވަހަށްފަހު އަހަންނަކީ މަންމައަށްޓަކައި މަރުވެފައިވާ ދަރިއެއް..!" ރިހުމުން ފުރިގެންވީ ގިސްލުމަކުން ތާބިޝް ރުއި އެވެ. 

"ވަރަށް އާދޭސްކުރި.. ވަރަށް ރުއި..! އެކަމަކު އަހަރެންގެ ހިތުން މަންމައަށް ކުރިން އޮތް ގަދަރު ދިނުމަކީ އަހަރެންގެ ޒަމީރު ގަބޫލު ކުރާނެކަމެއް ނޫން.. އެއީ އަހަރެންގެ އުސޫލުތަކާއި މުޅިން ހިލާފުކަމެއް..! އަހަރެންގެ ފިޒާ ކަރުނަ އަޅަމުންދާއިރު، މަންމައަށް ހިނިތުންވެ އަހަރެންގެ ލޯބި ލިބޭނެކަމަށް މަންމަ ހީކުރުމަކީ މަންމަގެ ކުށް..! މަންމައާއި އަހަރެންނާއި ދެމެދު އޮތް ގުޅުން ކެނޑުނު ސަބަބަކީ އެއީ..!" 

ފިޒާގެ އެންމެ ބޮޑު ސުވާލަށް ޖަވާބު ދެވުނުކަމަށް ތާބިޝްއަށް ގަބޫލުކުރެވުމުން އޭނާ ދެ ލޯ ފޮހެލި އެވެ. ހުއްޓިފައި ހުރި ފިޒާއަށް ބަލާލާފައި ހިނިތުންވެލީ، ފިޒާއަށް އިންސާފު ހޯދައިދެވުނުކަން އިހްސާސްކޮށްދިނުމަށެވެ.

"ހޭ އެރުމަށްފަހު ގެއަށް އައިސް، ފިޒާގެ ހަބަރެއް ނުވުމުން، މަންމައާއި ގުޅުން ކަނޑާލާފައި އަހަރެންގެ ކޮޓަރީގައި ކަނު އަނދިރީގައި ބަންދުވެގެން ދެހަފްތާ ހޭދަކުރިން.." (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް