ފިތުރު ޒަކާތަކީ ރަމަޟާންމަހުގެ ރޯދައާއި ގުޅިގެން ކުރުމަށް އަންގަވާފައިވާ އަޅުކަމެކެވެ. ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ނިކަމެތިންގެ މަތިން ހަދާންކޮށް، މުދާ ތާހިރުކުރެއްވުމެވެ. ރޯދަމަހުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ އެއްމެ މުހިއްމު އެއްކަމަކީ ފިތުރު ޒަކާތްކަމަށްވާއިރު ލަސްނުވެ މި އަޅުކަން ފުރިހަމަކުރުމަކީ އެންމެ އެދެވިގެންވާގޮތެވެ.
އަބްދުﷲ ބުން އުމަރު ވިދާޅުވި އެވެ.
«فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى العَبْدِ وَالحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالكَبِيرِ مِنَ المُسْلِمِينَ». [متفق عليه]
މާނައީ: “މުސްލިމުންގެ ތެރެއިން އަޅުންނާއި މިނިވަނުންނާއި ފިރިހެންނާއި އަންހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންގެ މައްޗަށް، ކަދުރުން ސާއެއްގެ މިންވަރު ނުވަތަ ހިމަ ގޮދަނުން (ބާލީއިން) ސާއެއްގެ މިންވަރު، [1] ފިތުރު ޒަކާތުގެ ގޮތުގައި ނެރުމަށް، ﷲ ގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ފަރުޟުކުރެއްވި އެވެ.”
ފިތުރު ޒަކާތަކީ މުހިންމު ވާޖިބެއް ކަމަށް ވާހިނދު އެ ވާޖިބު އަދާކުރުމަށް ކޮންމެ މުސްލިމަކު ވެސް ސަމާލުކަން ދޭން ވާނެ އެވެ. އެހެނީ ފިތުރު ޒަކާތަކީ ރޯދަ އެކޭ އެއްފަދައިން އިސްލާމީ އުންމަތުގެ މައްޗަށް ވާޖިބު ކުރެވިގެންވާ ކަމެއް ކަން ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ކިބައިން ސައްހަ ގޮތުގައި ސާބިތުވެފައިވެ އެވެ.
ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވި އެވެ. «فَمَنْ أَدَّاهَا قَبْلَ الصَّلاَةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلاَةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ» (إبن ماجه) މާނައީ: "ފަހެ އީދު ނަމާދުގެ ކުރިން (ފިޠުރު ޒަކާތް) އަދާކޮށްފި މީހާގެ ކިބައިން ޒަކާތުގެ ގޮތުގައި ގަބޫލުވެވެއެވެ. އީދު ނަމާދުގެ ފަހުން އަދާކޮށްފި މީހާއަށް އެއީ ސޮދަގާތުގެ ތެރެއިން ސޮދަގާތެކެވެ."
ފަހެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ކަނޑައަޅުއްވާފައިވާ ނުވަތަ އަމުރުކުރައްވާފައިވާ ކަންކަމުގެ ހުކުމަކީ ﷲ ތައާލާ ކަނޑައަޅުއްވާފައިވާ ނުވަތަ އަމުރުކުރައްވާފައިވާ ކަންކަމާ އެއްގޮތަށް ތަބާވުން ލާޒިމުވާ ކަންކަމެވެ.
ވީމާ ތިމާ ހިފާ ރޯދައިގެ ސަވާބު ފުރިހަމަ އަށް ލިބިގަތުމަށްޓަކައި ފިތުރު ޒަކާތުގެ އަޅުކަން ވަރަށް ވެސް މުހިންމެވެ. އެކަން ދޫކޮށްލައިފި ނަމަ ރޯދަ އިން ލިބެންޖެހޭ ހަގީގީ މަންފާ ނުލިބި ދިއުން އެކަށީގެން ވެ އެވެ.
ކޮންމެ އަކަސް މި އަޅުކަން ފުރިހަމަ ކުރުމަށް ކޮންމެ މުސްލިމަކު ވެސް އަވަސް ވާން ޖެހޭނެ އެވެ. ރަމަޟާން މަހުގެ މިހާތަނަށް އައި އިރު ޒަކާތް ނުދެއްކި ވާ ނަމަ އެކަމަށް އަވަސްވެ ގަތުން މުހިންމެވެ. އަދި އެންމެ ލަސްވެގެން އީދު ނަމާދުގެ ކުރިން އެކަން ކުރެވޭތޯ ބެލުން ލާޒިމެވެ.
އިބްނު އައްބާސްގެ އަރިހުން ރިވާވެގެން ވެއެވެ: «فَرَضَ رَسُولُ اللهِ ﷺ زَكَاةَ الفِطْرِ طُهْرةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِّلْمَسَاكِينِ، فَمَن أَدَّاهَا قَبْلَ الصَّلَاةِ فَهِي زَكَاةٌ مَقْبُولَة، وَمَن أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ»3 މާނައީ: ”ﷲގެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ފިތުރު ޒަކާތް ފަރުޟު ކުރެއްވީ، ބޭކާރު ވާހަކަތަކާއި އެފަދަ ކަންތައްތަކާއި ނުބައި ޢަމަލުތަކުން ރޯދަވެރިއާއަށް ހުރި ތޯހިރު ކުރެއްވުމެއް ކަމުގައްޔާއި، މިސްކީނުންނަށް ކާންލިބޭނޭ ގޮތެއް ކަމުގަ އެވެ. ފަހެ އީދު ނަމާދުގެ ކުރިން އެ ޒަކާތް އަދާކޮށްފި ނަމަ އެއީ މަޤްބޫލު ޒަކާތެކެވެ. އަދި ނަމާދުގެ ފަހުން އަދާކޮށްފިނަމަ ވާނީ އާންމު ސޮދަގާތްތަކުން ސޮދަގާތަކަށެވެ.“
ކޮންމެ އަހަރެއްގެވެސް ރާއްޖޭގައި ރަމަޟާންމަހު ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަޖައްސަ އެވެ. އެގޮތުން މިފަހަރުވެސް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. އެހެންކަމުން ކިތަންމެ ދަތި ނަމަވެސް ޒަކާތަކީ ބަރަކާތެެއް އަދި އަމާނާތެެއް ކަމަށް ދެކި އެކަމަށް އަވަސްވެގަންނާށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;