
މިއީ، 2010 ވަނަ އަހަރު، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ވިއްކުމަށް، އޭރުގެ ސަރުކާރުން ނިންމި ނިންމުމަކާ ގުޅިގެން، 2000 އަކަފޫޓުގެ ދެ ބިން ގަތުމަށް ސަން ފްރަންޓުން ކުރި 26 މިލިއަން ރުފިޔާގެ ބިޑާ ގުޅޭ މައްސަލައެކެވެ. އެ މައްސަލައާއި ގުޅިގެން، އެ ބިމަށް ކުރި ބިޑާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސަން ފްރަންޓުން ދައުލަތާ ދެކޮޅަށް ދައުވާ ކުރީ 2013 ވަނަ އަހަރުއެވެ. ރެކޯޑްތައް ދައްކާ ގޮތުން އޭރު ބިން ވިއްކަން ސަރުކާރުން ކުރި މަސައްކަތް ހުއްޓުވީ ހައިކޯޓުންނެވެ.
އޭރު ބިން ވިއްކުން ކޯޓުން ހުއްޓުވުމުން، ސަން ފްރަންޓުން ބިޑު ކުރި، 26 މިލިއަން ރުފިޔާ އެ ކުންފުންޏަށް އަނބުރާ ދައްކާފައިވަނީ ފައިސާ ދެއްކިތާ ހަތަރު އަހަރު ފަހުންނެވެ. އެހެންކަމުން އެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކުންފުނިންވަނީ ވަކި ދައުވާއެއް ކޮށްފައެވެ. އޭރު ކަނޑައަޅާފައިވަނީ އެ ބިޑާ ގުޅިގެން އެ ކުންފުންޏަށް 20 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އެކަމަކު ދައުލަތުންވަނީ އޭރު އެވަރުގެ ގެއްލުމެއް އެ ކުންފުންޏަށް ލިބުނު ކަމަށް ދެކޮޅު ހަދައިފައެވެ.
އެކަމަކު ވަކި މައްސަލައެއްގެ ގޮތުގައި ސަން ފްރަންޓަށް ލިބުނު ގެއްލުމުގެ މައްސަލަ ބެލުމަށް ހުރަހެއް ނެތް ކަމަށް މަތީ މަރުހަލާގެ ދެ ކޯޓުންވެސް ކުރިން ނިންމާފައިވާ ނިންމުމާ ހަވާލާދީ، 2021 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމީ، މި ހަފްތާތެރޭގައެވެ.
ހަތަރު އަހަރު ސިވިލް ކޯޓުގައިވެފައިވާ މި، އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅާ މައްސަލަ އެ ކޯޓުގެ ގާޒީ އަލީ އަބްދުﷲ ހުކުމް ކުރީ، 30 ދުވަހުގެ ތެރޭގައި 20 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް އަންގައެވެ.