
ކުރީގެ ސަރުކާރުން ހިންގި 'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމްގެ ތެރެއިން ކޮރަޕްޝަންގެ ކަންކަން ހިންގި ކަމަށް ބުނާ މައްސަލައިގައި އަކްރަމްގެ ޕާސްޕޯޓު އަލުން ހިފެހެއްޓީ މިދިޔަ މަހު 21ގަ އެވެ.
އަކްރަމްގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފެހެއްޓީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށާފައިވާ ތަހުގީގުގެ ބޭނުމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓި އަމުރު ހައި ކޯޓުން ބާތިލު ކުރީ މިދިޔަ 29 އެޕްރީލްގައެވެ. ހައި ކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ.
ހައި ކޯޓުގެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެއް ނުވެ އެވެ. ނަމަވެސް، ހައި ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމްކުރި ފަހުން ކްރިމިނަލް ކޯޓުގެ އާ އަމުރެއްގެ ދަށުން އަކްރަމްގެ ޕާސްޕޯޓް 30 ދުވަހަށް ވަނީ ހިފަހައްޓައިފަ އެވެ.