
ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް ކޮރަޕްޝަން މައްސަލަ ބެލޭނެ ކަމަށް ހައި ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމަށް ޝަމްއާން ހުށަހެޅުމުން، ފުރަތަމަ ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމާފައެވެ.
މެއި 7 ގައި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ނިންމީ ހައިކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް އިސްތިއުނާފީ ނުކުތާތަކުގައި ބުނެދީފައި ނުވާތީ އެ މައްސަލަ އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ރެޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިއަދު ނިންމައިފައިވަނީ ހައިކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނާ ގާނޫނީ ސަބަބުތަކެއް ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށާއި މި މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅާފައި ވަނީ ގާނޫނީ ބަހުސްކުރެވޭ ނުކުތާތަކެއްގެ މައްޗަށް ކަމަށް ވާތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ފުލުހުންގެ ތުހުމަތަކީ ޝަމްއާން ބިދޭސީއަކު ހިފެހެއްޓުމަށްފަހު އޭނާގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށެވެ. ޝަމްއާން ހައްޔަރު ކުރީ، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން އޭނާ މާޗް 20 ގައި ވަކި ކުރުމަށްފަހު ޖެހިގެން އައި ދުވަހުއެވެ. ޝަމްއާންގެ އާއިލާއިން ބުނާ ގޮތުގައި ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށާއި ޝަމްއާންގެ މައްސަލައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުން ކަމަށެވެ.