ކެމްޕެއިން ތެރޭގައި މޯލްޑިވިއަންގެ ފްލައިޓްތަކުން އެމްޑީޕީން ކުރި ދަތުރުތަކަށް ލިބެންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ނުލިބި އޮތް 3.6 މިލިއަން ރުފިޔާ އެއް މަސް ތެރޭގައިި ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ޖުލައި މަހު ވަނީ ހުކުމްކޮށްފަ އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ދެ މިލިއަން ރުފިޔާ އެމްޑީޕީން މިހާތަނަށް ދައްކާފައިވާއިރު، ބާކީ 3.6 މިލިއަން ރުފިޔާ ނުދެއްކެނީ އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނާ ކަމަށެވެ. އެ ފައިސާ ދައްކަން އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނު ނަމަވެސް އައިލެންޑް އޭވިއޭޝަނުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ސެޓްލްމަންޓް އެއްބަސްވުން ބާތިލްކޮށް، ބާކީ ހުރި 3.6 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން އަންގާ ކަމަށް ހުކުމުގައިވެ އެވެ. އެކަމަކު އެ ފައިސާ އަދިވެސް ދައްކާފައެއް ނުވެ އެވެ.
އެހެންވެ، އައިލެންޑް އޭވިއޭޝަން ކުންފުނިން އެދިފައިވަނީ ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ދިން ފައިސާގެ ތެރެއިން އެ ފައިސާ އުނިކުރުމަށްފަހު ކޯޓު މެދުވެރިކޮށް ހޯދުމަށެވެ.