
މިނިސްޓަރު މިފަދައިން ވިދާޅުވީ 113 ވަނަ ބައިނަލްއަގުވާމީ ލޭބަރ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުންނެވެ.
ޑރ. ހައިދަރު ވިދާޅުވީ، ދިވެހި ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، އިޖުތިމާއީ އަދާލަތު ގާއިމުކޮށް، އެންމެންގެ ބައިވެރިވުން އޮންނަ ދެމެހެއްޓެނިވި ލޭބަރ މާކެޓެއް ގާއިމުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. މީގެ އިތުރުން، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު ފާސްކޮށްފައިވާކަން ފާހަގަކުރައްވައި، ރައްކާތެރި، އަބުރުވެރި އަދި ހަމަހަމަ ފުރުސަތުތައް ލިބޭ މަސައްކަތު މާހައުލެއް ގާއިމުކުރަން ރާއްޖެއިން ސާބިތުކަމާއެކު ތިބިކަން އެނގޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ދޭ ސްކޮލަރޝިޕާއި މާލީ އެހީތެރިކަމުގެ ތެރެއިން ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރެއިނިންތައް ހަދާ ފަރާތްތައް ރާއްޖެއަށް ހިދުމަތް ކުރަންޖެހޭ ގޮތަށް އެއްބަސްވުމެއް ހެދުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ގައުމަށް ފައިދާވާގޮތް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އައިއެލްއޯގެ "ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސް" ގައި ބައިވެރިވެފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.