
މީގެ 64 އަހަރު ކުރިން އިމާރާތްކުރި އިސްކަންދަރު ސްކޫލްގެ މައި ދޮރާށި ކައިރިން ހުރި އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާ ބެހޭ މާހިރުން ސާވޭ ހެދުމަށް ފަހު، މިދިޔަ 8 އަހަރުގެ ތެރޭގައި ދެ ފަހަރު އެންގިއެވެ.
އޭ ބްލޮކްގެ މަތީގައި ޖާގަ ތަނަވަސް ހަތް ކްލާސް ރޫމް ހުއްޓަސް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް އެންގުމުން، އެ ކްލާސް ރޫމްތައް ބޭނުން ކުރުން ހުއްޓާލިތާ ހައެއްކަ އަހަރުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގެ އިމާރާތް ތަޅާލުމަށްފަހު، އެ ސްކޫލްގެ ގޯތިތެރޭގައި 21 ކްލާސް ރޫމް ހިމެނޭ އާ އިމާރާތެއް އަޅަން ނިންމާފައިވެއެވެ. ދެހާހަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އިސްކަންދަރު ސްކޫލްގެ އިމާރާތްތައް ހަލާކުވުމާ ގުޅިގެން ކްލާސްރޫމްތައް މަދުވެ، މެނޭޖުކުރުމުގައި ހުރި ދަތިތަކުގެ ޝަކުވާ ބެލެނިވެރިން ކުރަމުން ދަނީ ގިނަ ދުވަސްތަކެއް ވަންދެނެވެ.