
ޓްރާންސް ޕޯޓު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ފެރީ ހިދުމަތް ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަނީ ކުރަން ފަށާފައެވެ.
ރ އަތޮޅުގެ ހުރިހާ ރަށްތަކަށް ފެރީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޓްރާންސް ޕޯޓު މިނިސްޓްރީ އަދި އެމްޓީސީސީގެ މުވައްޒަފުން ވަނީ އެ އަތޮޅަށް ކޮންސަލްޓޭޝަން ދަތުރުތަކެއް ފަށާފައެވެ. މި ދަތުރުތަކުގައި އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރަށު ކައުންސިލްގެ އިދާރާތަކާއި ރަށުގެ މުހިންމު މުއައްސަސާތަކުގެ މުވައްޒަފުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދަތުރުގެ މައިގަނޑު މަގްސަދަކީ ރ އަތޮޅުގެ ރަށްރަށުގައި ފެރީ ގިމަތަ އެޅުމަށް އެންމެ އެކަށީގެންވާ ސަރަހައްދުތައް ދެނެގަތުމާއި، އެކަމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރުމެވެ.
ފެރީ ހިދުމަތް ފެށުމާއެކު ރ އަތޮޅުގެ ރަށްރަށުގެ މެދުގައި ދަތުރުފަތުރު ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޓްރާންސް ޕޯޓު މިނިސްޓްރީން ބުންޏެވެ.