
ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ޓެކުހުގެ ގޮތުގައި ދައުލަތަށް މިހާތަނަށް ލިބިފައިވަނީ 13.0 ބިލިއަން ރުފިޔާއެވެ. މިއީ މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ 78.4 ޕަސަންޓެވެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެފައިވަނީ ޓެކުހުގެ ރޭޓްތަކަށް ގެނައި ބަދަލާއި ގުޅިގެންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ޢަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8.3 ޕަސަންޓު އިތުރުވެފައިވާތީއެވެ.
ރިޕޯޓްގައި އިތުރަށް ދައްކާގޮތުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ 49.8 ޕަސަންޓު އިތުރުވެފައިވާއިރު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ވަނީ، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.2 ޕަސަންޓު އިތުރުވެފައެވެ. މިގޮތަށް އާމްދަނީ އިތުރުވުމާއެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް 47.1 ޕަސަންޓު ވަނީ އިތުރުވެފައެވެ.