
މިނިސްޓަރު މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާގެ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ޕްރޮގްރާމެކެވެ. މިނިސްޓަރު ތޯރިގު ވިދާޅުވިގޮތުގައި މިހާތަނަށް މި ޕްރޮގްރާމުގައި 6 ލައްކައާ ގާތްކުރާ އަދަދަކަށް ގަސް އިންދާފައިވާއިރު، 5 މިލިއަނަށް ވުރެ ގިނަ ގަސް އިންދުމުގެ ވައުދު ލިބިފައިވެއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހުޅުމާލޭގައި ތަރައްގީކުރާ ނާސަރީއަކީ 55,000 އަކަފޫޓުގެ ޒަމާނީ ނާސަރީއެކެވެ.
މި ނާސަރީގެ މަސައްކަތް ކުރުމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރުގެ ދަށުން ހިންގާ ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެންވަޔަރަމެންޓް މިނިސްޓްރީ ދެމެދު މިދިޔަ މޭ މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނާގޮތުގައި މިތަނުގައި ލެބޯޓަރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީން ހައުސްއެއް ހުންނާނެއެވެ. އަދި މި ނާސަރީން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމުގެ އިތުރުން ޕްރޮގްރާމް ނިމުމަށް ފަހުވެސް އޭގެ ފައިދާ ދިގުމުއްދަތަކަށް ލިބޭނެހެން އެޗްޑީސީގެ ބެލުމުގެ ދަށުން ގަސް ހައްދަމުން ދާނެއެވެ.