
މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން "އެކްސް" ގައި ޕޯސްޓެއް ކުރައްވައި ރައީސް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ މީހަކު ވެސް ކޮންމެ ދުވަހަކު ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރަކީ "ކާބޯތަކެތީގެ ރައްކާތެރިކަން: ޢަމަލީ މައިދާނުގައި ސައިންސް" އެވެ. އެމަނިކުފާނު ވިދާޅުވީ މި ޝިއާރުން އަލިއަޅުވާލަނީ ކާބޯތަކެތިން ޖެހޭ ބަލިތައް ދެނެގަތުމާއި ހުއްޓުވުމުގައި ސައިންޓިފިކް ދިރާސާތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށްފައިވާ އުސޫލުތަކުގެ މުހިންމުކަމުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް އިތުބާރު ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސް މުއިއްޒު ވަނީ މީގެ އެއް އަހަރު ކުރިން ތަސްދީގުކުރައްވާފައެވެ. މި ގާނޫނަކީ ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ރާއްޖެއަށް އިމްޕޯޓުކުރާ އަދި ރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ސިއްހަތަށް ފައިދާހުރި، އަދި އާންމު ސިއްހަތަށް ގެއްލުން ނުވާފަދަ ތަކެތިކަން ކަށަވަރުކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ގާނޫނެވެ.