ads
ސިއްހީ އެހީތެރިންތަކެއް މަގުމަތީގައި މާސްކެއް އަޅައިގެން: ނުރައްކާތެރި މެނިންގޯކޯކަލް ބަލީގެ ކޭސްއެއް ފެނި، ކޮންޓެކްޓް ޓްރޭސިން ހަދަން ވަނީ ފަށައިފައި -
މެނިންގޯކޮކަލް އަކީ ކޮބާ؟ މި ބަލީގެ އަލާމާތްތަކަކީ ކޮބާ؟
މެނިންގޯކޮކަލް ބައްޔަކީ މެނިންގޮކޯކޮލް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. އާންމު ގޮތެއްގައި ލޭގެ އިންފެކްޝަނެއްގެ ގޮތުގައި ޖެހޭ މި ބަލި ބައެއްފަހަރު ސިކުނޑީގެ މެމްބްރޭންތައް ވެސް އިންފެކްޓު ކޮށްލަ އެވެ.
Advertisement

މިބަލި ޖެހުމުން އެންމެ ބޮޑުވަރުވާ މީހުންގެ ތެރޭގައި ކުޑަކުދިންނަށާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ތަހަންމަލު ކުރާ މީހުން ހިމެނެ އެވެ.

އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންގޯކޮކަލް ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި މައުލޫމާތުން ސާފުވާގޮތުން މެނިންގޯކޮކަލް ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ބޮލުގައި ރިއްސުން ހިމެނެ އެވެ. ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށީގެންވެ އެވެ.

މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އެގޮތުން ބަލި ޖެހިފައިވާ މީހާއާއެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގަ އެވެ.

ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރުމުންނެވެ.

މި ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން ހިމެނެ އެވެ. އަދި ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތައް ނުދިއުން ހިމެނެ އެވެ.

ހަމައެހެންމެ ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި، އެކުން އުރާ ނުހެދުމަކީވެސް މި ބަލި ފެތުރުން ހުއްޓުވުމަށް ސަމާލުކަންދޭންޖެހޭ ކަމެކެވެ.

މި ބަލީގައި އިއްޔެ އުމުރުން 24 އަހަރުގެ ދިވެހި ޒުވާނަކު ވަނީ މަރުވެފަ އެވެ. އެއާ އެކު އެޗްޕީއޭއިން ވަނީ، މި ބަލި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނުނުކަން ކަށަވަރުކޮށް، މިއަދު ބަޔާނެއް ނެރެފަ އެވެ. 

"އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެޗް.ޕީ.އޭއިން ދަނީ މަސައްކަތް ކުރަމުން،" އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ) މިދިޔަ އަހަރުގެ 25 ޖޫންގައި ނިޔާވީ ވެސް މެނިންގޯކޮކަލް ބަލީގަ އެވެ. އޭނާއަށް ބަލިޖެހުނީ އެ އަހަރު ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހާއްސަ ދައުވަތަށް ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރޭގައި ހިމެނި، ހައްޖުގެ އަޅުކަން ނިންމާފައި ރާއްޖެ އައުމާ އެކުގަ އެވެ.  

މި އަހަރު މި ބަލީގެ ކޭސްއެއް ފެނުނުއިރު، ހައްޖުގެ އަޅުކަމަށް ފަހު، އަންނަ ހުކުރު ދުވަހު ދިވެހީން އެނބުރި ރާއްޖެ އަންނަން ފަށާނެ އެވެ.

ހައްޖުވެރިން އެނބުރި އަންނަ ދުވަސްތަކަކީ އާންމު ގޮތެއްގައި ރޯނގާތައް އިތުރުވާ ދުވަސްތައް ކަމަށްވާއިރު، އެ ދުވަސްތަކުގައި ސިއްހަތަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް