
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރަން ނިންމި ކަން ސިޓީއެއް މެދުވެރިކޮށް ޖޭއެސްސީއަށް އެންގެވީ މިދިޔަ މެއި 8 ވަނަ ދުވަހުއެވެ. ރިޕޯޓުތައް ބުނާގޮތުން ޖޭއެސްސީން ގޮތެއް ނުނިމި އޮތީ ރިޓަޔަމަންޓް ޕެކޭޖާ މެދު ވަކި ގޮތެއް ކަނޑައެޅިފައި ނުވާތީއެވެ. ނަމަވެސް މިކަމާ ޖޭއެސްސީން އަދި އެއްޗެއް ނުބުނެއެވެ.
މުއުތަސިމް ރިޓަޔާ ކުރަން ނިންމެވީ، މިދިޔަ ފެބްރުއަރީ މަހު ދާދި އަވަހަށް ރިޓަޔަރ ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވުމަށް ފަހުއެވެ.
މުއުތަސިމް ސުޕްރީމް ކޯޓުގައި ހިދުމަތް ކުރައްވާފައިވަނީ މިއީ ދެވަނަ ފަހަރަށެވެ. ފުރަތަމަ ފަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހިދުމަތް ކުރެއްވީ އޮގަސްޓު 10، 2010 އިން 2014 ވަނަ އަހަރުގެ ނިޔަލަށެވެ. އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރަން ނިންމިއިރު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަނީ ޖޭއެސްސީން ހިންގި ތަހުގީގަކަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައެވެ. ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރިއިރު އަދުލު އިންސާފުގެ ދިފާއުގައި މުއުތަސިމް ތެދުވެވަޑައިނުގަތުމުން ފާޑުކިޔުން ވެސް އަމާޒުވިއެވެ.