
މިއީ "އޯރަލް ހިސްޓްރީ" އެއްކުރުމުގެ މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށާއި، މިކަމަށް ބޭނުންވާ އިލްމުތައް ރާއްޖެއަށް ގެނައުމާއި ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ރަށްރަށުން 50 އަހަރާއި 60 އަހަރުގެ ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރެވޭނެއެވެ. މިގޮތުން ކޮންމެ ރަށަކުން 10 ވަރަކަށް މީހުންގެ ވާހަކަތައް ރެކޯޑް ކުރުމަށް ރާވާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ވަކި ދުވަސްވަރެއްގައި ރާއްޖެ އޮތް ގޮތާއި ބެހޭ މައުލޫމާތުތައް އެއްކުރެވޭނެއެވެ.
ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމަކީ ވަކި އިލްމީ ހަމަތަކެއްގެ މަތިން ސުވާލުތައް ކުރެވިގެން އެކި ދުވަސްމަތިން ބައްދަލުކޮށްގެން ކުރެވޭ މަސައްކަތެއް ކަމަށް އާދަމް ނަސީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، "ދިވެހިންގެ އެއްޗެއް ދިވެހިންގެ އެއްޗެއް ކަމުގައި ކަނޑައެޅޭނެ ޔުނިފޯމް ފްރޭމްވޯކްސްތައް" އުފެއްދުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށުމަށް ރާވާފައިވާ ކަމަށާއި، މިއީ ދިވެހިންގެ ހުނަރުތަކާއި ސިފަތައް ދެނެގަތުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވިއެވެ.