
އެނގިފައިވާ ގޮތުން އުމުރުން 24 އަހަރުގެ މި ޒުވާނާ ބަލިވެގެން އެޑްމިޓްކުރީ އޭނާ މާލެ އައިތާ ދެވަނަދުވަހުއެވެ. އަދި ބަލީގައި ނިޔާވީ އެޑްމިޓްކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސްކަންވެސް ވަނީ އެނގިފައެވެ.
މެދު ރާއްޖެތެރެއަށް ނިސްބަތްވާ މި ޒުވާނާގައި މެނިންގޯކޮކަލް ބަލި ފެނުމުން އޭނާގެ އާއިލާގެ މެމްބަރުންގެ ކޮންޓެކްޓް ޓްރޭސިން ހަދާ ކަރަންޓީނުވަނީ ކޮށްފައެވެ.
އިންވޭސިވް މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސިރިއަސް ބައްޔެކެވެ. ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތައްކަމަށް އެޗްޕީއޭއިން ބުނެއެވެ.
ބަލީގެ އަލާމާތްތައް
- ހުން އައުން
- ހަމުގައި ރަތް ބިހިތަކެއް ނެގުން
- ބޮލުގައި ރިއްސުން
ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށިގެންވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
މެނިންގޮކޯކޮލް ބަލިން ފަސޭހަވުމަށް ފަހުގައި ވެސް ދިގު މުއްދަތަކަށް ތަހަންމަލު ކުރަންޖެހޭ ފަދަ ސިއްހީ މައްސަލަތައް ބައެއް މީހުންނަށް ދިމާވެއެވެ. އޭގެތެރޭގައި އަޑުއިވުމުން މަހުރޫމުވުމާއި ލޮލަށް ފެނުމުގެ މައްސަލަތަކާއި ފިޓު ޖެހުމުގެ އިތުރުން ބަލީގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުން މުޅި އުމުރު ދުވަހަށް ދެމި ހުރުން ފަދަ ކަންކަން ހިމެނެއެވެ. މި ބަލި ޖެހޭ ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކު މިކަންކަން ތަހަންމަލު ކުރަންޖެހެއެވެ.
މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ބަލި ޖެހިފައިވާ މީހާއާ އެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ. ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކެވެ.