
މި ވައިޓް އެލާޓް ނެރެފައިވަނީ ފުވައްމުލަކު ސިޓީއިން ފެށިގެން އައްޑޫ ސިޓީއަށް ކަމަށާއި، މިއަދު 13:30 އިން ފެށިގެން އިރުއޮއްސޭ 18:30 ގެ ނިޔަލަށް މި އެލާޓް ދެމިއޮންނާނެކަމަށް އޮފީހުން ބުންޏެވެ.
މޫސުމާ ބެހޭ އިދާރާއިން ނެރުނު ވައިޓް އެލާޓްގައި ދެކުނު ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރުމާއެކު ވައިގެ ބާރުމިން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ހުރުމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރާފާނެކަމަށާއި ކަނޑުތައް ގަދަވެފާނެކަމަށްވެސް އިންޒާރު ދީފައިވެއެވެ. މިއަދު ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ބުނެފައިވާއިރު، އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމުކޮށް ރަނގަޅުވާނެކަމަށް ލަފާކޮށްފައިވެއެވެ.
ހުޅަނގާއި ހުޅަނގު އުތުރުން، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުންޏެވެ. އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް ބުނެފައިވާއިރު، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ.