
މިހާރު ރާއްޖޭގައި ވެދާ ރާޑަރެއް ބަހައްޓާފައި ހުރީ ހުޅުލޭގައި ހުންނަ މޫސުމާ ބެހޭ ގައުމީ އިދާރާގައި އެކަންޏެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކޮށް މޫސުމާ ބެހޭ ގައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ، ކުރިއަށް އޮތްތާނގައި އިތުރު ރާޑަރ ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރު ނެޓްވޯކަކުން ގުޅާލުމަކީ ކުރެވޭ އުންމީދެއް ކަމަށެވެ. ވެދާ ރޭޑަރތައް ބެހެއްޓުމުން، ވެދާ ފޯކާސްޓް ކުރުމާއި އެލާޓް ނެރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުލޭގައި ހުރި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ޑޮޕްލަރ ވެދާ ރާޑަރުގެ އެހީގައި ވާރޭވެހެމުންދާ ސަރަހައްދާއި، ވާރޭވެހެމުންދާ ބޯމިނާއި، ވާރޭވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި އަދި ބާރުމިން ފަދަ މައުލޫމާތުތައް ދެނެގަނެވޭނެ ކަމަށެވެ. މީގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާގެ ވަސީލަތްތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ނ. މާފަރުގައި މޫސުން ބަލާ އޮބްޒަވޭޓަރީއެއް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.