
މީސް މީޑިއާގައި ހިއްސާކުރެވުނު ވީޑިއޯ މެސެޖެއްގައި މޫސާ މަނިކު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ގިނަވެ ޕާޓީ ހީނަރުވަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ.
ރީކޯ މޫސާ މަނިކު އިތުރަށް ވިދާޅުވެފައިވަނީ އެމްޑީޕީ ނައްތައެއް ނުލެވޭނެ ކަމަށާއި ނަމަވެސް މިހާރު ފެންނަމުންދާ މަންޒަރަށް ބަލާއިރު އެޕާޓީ ހީނަރުވެ ހަލާކުވެގެން ހިނގައިދާނެކަން ބޮޑަށް ފެންނާތީ ކަންބޮޑުވާ ކަމަށެވެ. އެމްޑީޕީ ހީނަރުވެފައިވާ މިވަގުތަކީ ރިޔާސީ ކެންޑިޑޭޓުކަމަށް ފައިނަގާ ވަގުތެއް ނޫންކަމަށް މޫސާ މަނިކު ވިދާޅުވެފައިވާއިރު، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ވަރުގަދަކުރުމުގެ މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
އެމްޑީޕީ ހީނަރުވަމުންދިއުމުގެ ސަބަބުން ސަރުކާރަށް ފައިދާތަކެއް ކުރަމުންދާ ކަމަށް ރީކޯ މޫސާ މަނިކު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ގާނޫނު އަސާސީ ބައިޕާސްކޮށް ކަންތައްތައް ކުރަން ފެށުމާއި ރައްޔިތުންގެ އަޑުނޭހުމާއި ސަރުކާރަށް ފެންނަ ކަންކަން ކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ އެތެރޭގައި މައްސަލަތައް އުފެދި މިހާތަނަށް 4 ފަރާތަކުން ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ މަސައްކަތް ފަށާފައެވެ.