
ސަރުކާރުގެ ފަރާތުން ފޮރުން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސޮއިކުރައްވާ މި ދައުވަތު ފޮނުވާފައި މިވަނީ ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުން އދ އާއި އިންޓަނޭޝަނަލް ބާ އެސޯސިއޭޝަން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.
ގާނޫނީ ފަންނުގެ ހިމާޔަތުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑަށް ހަރަކާތްތެރިވާ އެއް ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ބާ އެސޯސިއޭޝަން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ބައިނަލްއަގުވާމީ ހަމަތަކާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ މިނިވަންކަމާއި ހައްގުތަކަށް ދިވެހި ސަރުކާރުން އަރައިގެންފައިވާ ކަމަށެވެ.
އެ މައްސަލާގައި ކަންހިނގައި ދިޔަ ގޮތް ބަޔާންކޮށް މިނިސްޓާރު ހަލީލް ވަނީ އދ.ގެ ސްޕެޝަލް ރެޕިޔުޓާ އިން ދަ އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔާސް މާގްރެޓް ސެޓަތްވެއިތަށް ވަނީ ސިޓީ އެއް ފޮނުވައިފައެވެ. މިނިސްޓަރުގެ ސިޓީގައި ވިދާޅުވީ ދެ ފަނޑިޔާރުން ވަކި ކުރި މައްސަލާގައި ސަރުކާރުން އެއްވެސް ވަރަކަށް އެކަމުގެ ތެރެއަށް ނުވަންނަ ކަމަށެވެ. އަދި ސަރުކާރާއި ގުޅުވާ ދައްކަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް މިނިސްޓަރުގެ ސިޓީގައިވެއެވެ.
އެގޮތުން ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގައި ރައީސް އަދި ބަންޑާރަ ނައިބުވެސް ނުފޫޒު ފޯރުވާފައި ނުވާކަމަށް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ. އަދި ބަންޑާރަ ނައިބު ތިންވަނަ ފަރާތެއް މެދުވެރިކޮށް ފަނޑިޔާރު އަޒްމިރާލްދާ އަށް މެސެޖު ފޮނުވި ކަމަށް ބުނާ ތުހުމަތަކީވެސް ދޮގެއްކަމަށާއި ފަނޑިޔާރު އަޒްމިރާލްދާއަށް އިންޒާރު ދިން ކަމަށް ބުނާ ވާހަކައަކީ ވެސް ހަގީގަތާއި ހިލާފު ވާހަކައެއްކަމަށް މިނިސްޓަރު ހަލީލްގެ ސިޓީގައިވެއެވެ.
އެ ސިޓީގައި ފޮރިން މިނިސްޓަރު ހަލީލް ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން ޔަގީންކޮށްދިނުމަށް ރާއްޖޭގައި ނިޒާމު ހިނގާގޮތް ބައްލަވާލެއްވުމަށް ވަޑައިގަތުމަށް ސެޓަތްވެއިތަށް ދައުވަތު ދެއްވާފައެވެ.