ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިހް އިބްރާހިމް ފަރީދު އަހްމަދު
ޝައިހު ފަރީދުގެ ކުއްލި ވަކިވުން: ސޯޝަލް މީޑިއާގައި ހިތާމައިގެ ކޯރެއް
ރާއްޖޭގެ އިސްލާމީ އިލްމުވެރިޔާ ޝައިހު އިބްރާހިމް ފަރީދުގެ އަވަހާރަވުމާ ގުޅިގެން ގައުމު ވަނީ ފުން ހިތާމައެއްގަ އެވެ.
Advertisement

އިއްޔެ މެލޭޝިޔާގައި ޝައިހު އަވަހާރަވުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ޝުކުރުވެރިކަމާއި ދުއާގެ ބޮޑު އުދައެރުމެއް ފެނިގެން ދިޔަ އެވެ. އަދި ހާސްތަކެއް މީހުން ވަނީ ޝައިހް ފަރީދުގެ ވަކިވެ ދިއުމާއިމެދު ހިތުގެ އަޑިން މެސެޖުތަކާއި ދުއާތަކުން ހިތާމަ ފާޅުކޮށްފަ އެވެ.

ޝައިހު ފަރީދުގެ ހިކުމަތްތެރިކަމާއި، ތަވާޟުއުވެރިކަމާއި، އިސްލާމީ އިލްމު ފެތުރުމަށް މުޅި އުމުރު ދުވަހު ކުރެއްވި ހިދުމަތްތައް ހަނދާންކޮށް، ސޯޝަލް މީޑިއާގައި ހުރިހާ ފަންތިއެއްގެ މީހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ޝޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްތެއްގައި ބުނެފައި ވެއެވެ.

" އަހަރެން ދެކޭގޮތުގައި އަދި ފެނުން މަންޒަރު ތަކުން ޝެއިހް ފަރީދަކީ މިގައުމުގަ ނެތް ވަރު ހެޔޮ އިލްމުވެރިއެއް. އަހަރެންގެ ހަޔާތުގައި ފަރީދުއާއި އެކު ވަނީ ޖަލުގެ ތޭރި ތަކުގަވެސް ގިން ދުވަސް ތަކެއް ހޭދަ ކުރެވިފަ، ޝައިހް ފަރީދު އަބަދުވެސް އުޅެނީ އިލްމު ފެތުރުމުގަ އަވަދި ނެތި މީހަކު ނޭނގިގެންވެސް ދީނީ ކަމެއް އަހާލައިފިއްޔާ ފަރީދު ކިޔައިދޭނެ އިތުރަށް އޮޅުން ނާރާ މިންވަރަށް، އަހަރެންނަށް ފަރީދު ނިޔާވި ހަބަރު ލިބުން ވަގުތު ލޮލުން ކަރުނަ ހިލުން. ﷲގެ ރުއްސެވުމާ ފުއްސެވުން އަދި، ސުވަރުގޭގެ ދާއިމީ ނިއުމަތް ޝޭހައް ދެއްވާށި، އާއިލާއަށް ކެތްތެރިކަން ދެއްވާ އަބަދުވެސް ހެޔޮ ގޮތްތައް މިންވަރު ކުރައްވާޝި، އާމީން "

އަދި އެހެން ޔޫސަރަކު ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ: "އަޅުގަނޑުމެންގެ ދޮންބެ (އަލްމަރްހޫމް) ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު، ﷲ އަށް ރަނގަޅަށް އީމާންތެރިވާން އަދި އަހްލުއްސުންނާ ވަލްޖަމާއާގެ ވެރިޔަކަށް ވާން ﷲ ސުބުހާނަހޫ ވަތައާލާ މެދުވެރި ކުރެއްވި ފަރާތަކީ ޝައިހް ފަރީދެވެ. ޝައިހްގެ ހެޔޮ ނަސޭހަތާއި ދޮންބެއަށް އެވަގުތު ދެއްވި ހިތްވަރުން، ދޮންބެ ނިޔާވިއިރު ހުރީ ﷲ ސުބުހާނަހޫ ވަތައާލާގެ ހެޔޮ ލަފާގައި އީމާންތެރިކަމާއެކު ސުންނަތަށް ލޯބިކުރާ ހާލުގަ އެވެ. އަދި އަޅުގަނޑުމެންގެ ދޮންބެ ނިޔާވުމުގެ ކުރިން އަޅުގަނޑުމެންނަށް ސުންނަތުގައި ސާބިތުވެ ތިބެ ހެޔޮ އަމަލު ކުރުމަށް ނަސޭހަތް ދެއްވި އެވެ. މިއަދު އަޅުގަނޑުމެންނަށް އައިސްފައިވާ ހެޔޮ ބަދަލަކީ ހަމަ އެއީ އެވެ. މާތް ﷲ އަޅުގަނޑުމެންގެ ދޮންބެގެ ފުރާނައަށާއި، ޝައިހް ފަރީދުގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވައި، ޖަންނަތުލް ފިރުދައުސް ދެއްވާށި އެވެ. އާމީން"

ދިވެހި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޝައިހު ފަރީދުގެ ކުއްލި ވަކިވުމާއި ގުޅިގެން ހިތާމަ ފާޅުކުރައްވައި، އިސްލާމީ ތައުލީމާއި ގައުމުގެ ރޫހާނީ ކުރިއެރުމަށް ޝައިހް ފަރީދު ދެއްވާފައިވާ ހިދުމަތްތަކަށް އަލިއަޅުވާފަ އެވެ.

ޝައިހު ފަރީދު އަވަހާރަވުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާއިރު، އެ ޝައިހް ފަރީދުގެ ދަރުސްތަކާއި އަމިއްލަ ނަސޭހަތްތަކުގެ އަސަރު ގުނާ ނުލެވޭ ވަރުގެ ފަރުދުން ހަނދާން ކުރަމުންދެ އެވެ. 

ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ހިތާމައިގެ ސަބަބުން ޝައިހް ފަރީދު އީމާންތެރިކަމާއި އިލްމާއި އޯގާތެރިކަމުގެ ތެރެއިން ދިރިއުޅުމުގައި ކިހާ ފުންކޮށް އަސަރުކުރިކަން ހާމަވެގެންދެ އެވެ.

"ޝެއިޚު ވަކިވެ ދިއުމަކީ އިސްލާމީ ހިދުމަތަށް ލިބިގެން ދިޔަ ދެރައެކެވެ. ޝެއިހު ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވިފައިވާ އުސްތާޒެކެވެ. ހިދުމަތްތެރި ޝަހުސިއްޔަތެކެވެ. ވަރަށް ބޮޑު ގުރުބާނީތަކެއްވެވަޑައިގެންފައިވާ ބޭފުޅެކެވެ،" މިހާރުގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މި ދުވަސް ސިފަކުރެއްވި ގޮތަކީ މިއީއެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ޝައިހު ފަރީދު ވަކިވެދިއުމަކީ ދިވެހި ގައުމަށް އަދި އިސްލާމީ ހިދުމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެއް ކަމަށެވެ. ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޒެއް، ހިދުމަތްތެރި ޝަހްސިއްޔަތެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިގޮތުގައި ފަރީދަކީ ދީނީ ދަރުސް ދެއްވުމުގައި ނުހަނު ހިންމަތް ކުރެއްވި އަދި އެ ގޮތުގައި ދެމިހުންނެވި ހިދުމަތްތެރި ބޭފުޅެއް ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް ސޯލިހު (އިބޫ) ވިދާޅުވި ގޮތުގައި ފަރީދަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އާލިމެއްގެ އިތުރުން ސިޔާސީ އިސްލާހީ ހަރަކާތުގަައި އެހާމެ މުހިންމު ދައުރެއް އަދާކުރެއްވި ހިތްވަރުގަދަ ބޭފުޅެކެވެ.

ދ. ކުޑަހުވަދު އަށް އުފަން ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެރިއެކެވެ. ދާދި އިހަކަށް ދުވަހަކާ ޖެހެންދެން، އޭނާ ވަނީ ދީނީ އެކި ދަރުސްތައް ދެއްވުމަށް ރަށްރަށަށް ވަޑައިގެންފަ އެވެ.

ހުދުމުހުތާރު ވެރިކަމުގެ ނިޒާމާ ދެކޮޅަށް ރާއްޖޭގައި ހިނގި އިސްލާހީ ހަރަކާތްތަކުގައި ވެސް ފަރީދު ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވެ އެވެ. 

ފަރީދު އަވަހާރަވީ ވެސް ދީން ފެތުރުއްވުމުގެ މަސައްކަތުގައި އުޅުއްވަނިކޮށެވެ. މެލޭޝިއާއަށް އިއްޔެ ވަޑައިގަތީ ދީނީ ދަރުހެއް ދެއްވުމަށެވެ. އެ މާތް މަގުސަދުގައެވެ. އެކަމަކު، އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް މި ދުނިޔެއާ ވަކިވީއެވެ. ފަރީދުގެ ހަށިކޮޅު ފަސްދާނުލާނީ މެލޭޝިއާގައެވެ. އެ ގައުމުން ހަށިކޮޅު ބޭރުކުރާ ނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ އާއިލާއިން އެ ގޮތަށް ނިންމީއެވެ.

ފަސްދާނުލެވި ޝެއިހު ފަރީދުގެ ހަށިކޮޅު ފޮރުވޭނެ އެވެ. ނަމަވެސް، އެމަނިކުފާނު އިސްލާމީ އުއްމަތަށް ދެއްވި އަގުހުރި، އަސަރުގަދަ ނަސޭހަތްތަކަށް މަރުވުމެއް ނުވެ އެވެ. ދިވެހި ދީނީ އިލްމުވެރިންނަށް ދީނީ ޝިއާރުތަކާއި ދަރުސްތައް ދެއްވަން މިހާރު މިއޮތް މިނިވަންކަން ލިބުމުގެ ފަހަތުގައި ފަރީދުގެ އެތައް ގުރުބާނީއެއް އެބައޮތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް