
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒެއިން ވަނީ ކޯޗުގެ މަގާމުން އޭނާ ވަކިވާން ނިންމާފަވާކަން އިއުލާންކޮށްފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒެއިން ބުނީ މި ނަތީޖާގެ ޒިންމާ ފުރިހަމައަށް އޭނާ ނަގާ ކަމަށާއި، މިއީ ގައުމީ ޓީމާ އެހެން ކޯޗެއް ހަވާލުވުމުގެ ވަގުތު ކަމަށެވެ. އެހެންކަމުން ގައުމީ ކޯޗުގެ މަގާމާ ދުރަށްދާން އޭނާ ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ދިވެހި ކޯޗުގެ ޒިންމާ 2021ގެ ސާފް ޗެމްޕިއަންޝިޕްގައި ނެގި ސުޒެއިން ބުނި ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތުގައި ވެސް މި ޓީމާ އެކު މަސައްކަތްކުރަން ލިބުމަކީ ޝަރަފަކާއި އުފަލެކެވެ.
އޭނާ ވަނީ ދެން ގައުމީ ޓީމާ ހަވާލުވާ ބަޔަކަށް ވެސް އޭނާގެ ހެޔޮ ދުއާ އާއި ހެޔޮ އެދުން އޮންނާނެ ކަމަށް ބުނެފަ އެވެ.
މިއަދު، ޓިމޯ ލެސްޓޭ އަތުން ބަލިވިއިރު، މީގެ ފަސް ދުވަސް ކުރިން، ސިންގަޕޫރު އަތުން އެކުވެރިކަމުގެ މެޗަކުން ވަނީ 3-1 އިން ބަލިވެފަ އެވެ. އެހެންކަމުން، ސުޒޭންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
ސުޒެއިން ގައުމީ ޓީމާ ހަވާލުވީ ކުރިން ހުރި ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ކޮންޓްރެކްޓް ހަމަވުމުންނެވެ. ގައުމީ ކޯޗުކަމުގައި ސުޒެއިން ހުންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.