
އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ، ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާއި އުންމީދަކީ ކުރިއަށް ހުރި ސަރުކާރުތަކަށް ވެދެވެނު އެހީތެރިކަމެއްވުން ކަމަށެވެ.
ރައީސް މުއިއްޒުގެ ހާއްސަ މުޝީރުގެ މަގާމަށް ޑރ. ވަހީދު އައްޔަންކުރެއްވީ މިދިޔަ މަހުގެ 26 ގައެވެ. އެ މަގާމު އަދާކުރައްވަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ސަރުކާރަށް ހިދުމަތް ކުރުމުގެ ފުރުސަތު ރައީސް މުއިއްޒު ދެއްވީ އެ މަނިކުފާނާ ދޭތެރޭ ރަނގަޅަށް ވިސްނާވަޑައިގަންނަވާތީ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ. އަދި މިހާރު ކުރައްވާ މަސައްކަތުގައި ސިޔާސީ ވިސްނުމެއް ނެތް ކަމަށާއި އެ މަނިކުފާނަށް ވެދެއްވުނު އެންމެ ރަނގަޅަށް ރައްޔިތުންނާއި ގައުމަށް ހިދުމަތް ކޮށްދެއްވާނެ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.
ޑރ. ވަހީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފޮރިން މިނިސްޓްރީން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖެއިން އެންމެ ފުރަތަމަ ޕީއެޗްޑީ ދަރަޖައަށް ތައުލީމް ހާސިލް ކުރެއްވި ބޭފުޅަކީވެސް އެއީއެވެ. ޑރ. ވަހީދު 2008 ވަނަ އަހަރުގެ އިންތިހާބުގައި ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގަތީ، އެމްޑީޕީގެ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިން މޭޓެއްގެ ގޮތުގައެވެ. ޑރ. ވަހީދު މަނިކުފާނު ވެރިކަމަށް ވަޑައިގަތީ، ރައީސް ނަޝީދު 2012 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.