
މަސްތުވާތަކެތި ހޯދާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އިންޑިއާގެ ބެންގަލޫރު މަގުން ގެނައި އެއާ ކާގޯ ޝިޕްމަންޓެއްގައެވެ. ފުލުހުން ބުނާ ގޮތުގައި 30 އަށް ވުރެ ގިނަ ޕެކެޓުގައި ވަކިވަކިން ބަންދުކޮށްފައިވާ އެ މަސްތުވާތަކެތި ފޮރުވާފައި ހުރީ ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގައެވެ. ބަރުދަނުގައި 18.62 ކިލޯ ހުރި އެ ޑްރަގުގެ މަގުމަތީ އަގު 26 މިލިއަން ދިވެހި ރުފިޔާ އަށް އަރާނެއެވެ.
އެ ޝިޕްމެންޓާ ހަވާލުވާން ދިޔަ 35 އަހަރުގެ ބަންގުލަދޭޝް މީހާއަކީ މަސްތުވާތަކެތި އެތެރެކުރި މީހުންނާ ގުޅުމެއް އޮތް މީހެއް ކަމަށް ނުފެންނަ ކަމަށް ފުލުހުންގެ މިއަދު ހާމަކުރިއެވެ.
ކަސްޓަމްސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް އެ މަސްތުވާތަކެތީގެ ޓެސްޓްތަކުން ކެނަބިއޮއިޑްސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެކަމަކު އެ މަސްތުވާތަކެތި އެތެރެކުރީ ކޮން ކުންފުންޏަކުން ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.