ޝުއައިބަށް ފިޔަވަޅު ނާޅާ މައްސަލަ ހޫނުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ އެކު ފޯނު ހިފެހެއްޓުމާ ގުޅިގެންނެވެ. އެކަމަކު ޝުއައިބު ކުރި ޕޯސްޓުތަކާ ގުޅިގެން ފުލުހުން އޭނާގެ ފޯނު ހިފަހައްޓަން މަސައްކަތް ނުކުރާތީ، ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފައި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ފޭސްބުކްގައި ޝުއައިބު ޖެހި ޕޯސްޓަކާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
ޝުއައިބު އަލީ ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ބަޑި ވެސް ޖަހަންވީ ކަމަށެވެ.
މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން އެންމެ ފަހުން މި ބުނީ، އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓުން ކުރާ ޕޯސްޓްތަކުގެ މައްސަލާގައި ފޯނު ހިފެހެއްޓުން ފަދަ ފިޔަަވަޅުތައް އަޅައި ޝުއައިބްގެ މައްސަލާގައި ބަހެއް ނުބުނެ ލަސްކުރާތީ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.