
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި ހައްޔަރުކުރި ރައުދުގެ މައްޗަށް ދައުލަތުން ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައިވަނީ ކުޑަކަމުދާތަކެތީގެ ސާމްޕަލް ނެގިއިރު، ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން އެއްވެސް ހާލަތެއް ނެތްކަމަށެވެ. ފުލުހުން ރައުދުގެ ސާމްޕަލް ނަގާފައިވަނީ އޭނާއާ ސުވާލު ކުރުމަށްޓަކައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހުގައި ކަމަށާއި، އެހިނދު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށަކު ނޫންކަމަށް ޕީޖީން މިއަދު ބުންޏެވެ. އޭނާގެ އަތުގައި މަސްތުވާތަކެތި ބެހެއްޓި ކަމުގެ ތުހުމަތެއް ނެތްއިރު، އެފަދަ އެއްޗެއް އޭނާގެ އަތުން ފެނިފައިވެސް ނުވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ ކުޑަކަމުދާތަކެތީގެ ސާމްޕަލުން ކެނެބިސްއަށް ޕޮޒިޓިވްވި ނަމަވެސް، ފުލުހުން ނެގި ސާމްޕަލް ގަވާއިދާ ހިލާފަށް ނެގިފައިވާތީ، ހެކީގެ ގޮތުގައި ބޭނުން ނުކުރެވޭނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެއެވެ.
ރައުދު ބަންދުން ދޫކޮށްލީ އޭނާގެ މައްޗަށް އަންނާނެ ހުކުމްގެ މުއްދަތަށް ވުރެ ބަންދުގައި ހުރި މުއްދަތު އިތުރުވެދާނެތީކަމަށްވެސް ޕީޖީ އޮފީހުން މިއަދު ހާމަކުރިއެވެ.