
މިކަން ހާމަކުރެއްވީ ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް "ހާލުކިހިނެތް؟" ޕްރޮގްރާމް ނުފެށި އޮތީ ހަމައެކަނި ހަތަރު އަތޮޅެއްގައި ކަމަށެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ޖެންޑާ މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި "ހާލުކިހިނެތް؟" ޕްރޮގްރާމްގެ ދަށުން މިހާތަނަށް 14,000 އަށް ވުރެ ގިނަ ގޭބީސީއަށް ޒިޔާރަތްކޮށްފައިވެއެވެ. މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ރައްޔިތުންގެ ހާލަތު ދެނެގަތުމަކީ ޖެންޑާ މިނިސްޓްރީގެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. އަދި އިސްރައްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރެއް މިހާރު އެކުލަވާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ހާލަތު ދެނެގަތުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ތަފާތު ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށެވެ. މީގެތެރޭގައި ދާންމަތިވެފައިވާ އިސްރަށްވެހިންގެ އިޖްތިމާއީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމާއި، އިބަމަ ޕްރޮގްރާމް ފަދަ ތަފާތު ޕްރޮގްރާމްތައް ހިމެނެއެވެ. މި ޕްރޮގްރާމްތަކުގެ ސަބަބުން ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގައި އެމީހުންނަކީ ވެސް މުހިންމު ބަޔަކަށް ހެދުމަށް މަސައްކަތް ކުރެވޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.