
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން 500،000 ގަސް އިންދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވުމަށް ހަފްތާ ބަންދުތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ކުންފުނިން ހިންގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން އެންމެ ފަހުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މެއި 29 ގެ ނިޔަލަށް ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ޖުމުލަ 565،890 ގަސް ވަނީ އިންދާފައެވެ. އަދި މި މަޝްރޫއުގެ ދަށުން އެކި ފަރާތްތަކާއެކު ޖުމުލަ 6،331،100 ގަސް އިންދުމަށް އެއްބަސްވުން ހަދާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްގަހާގެހި އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށްޓަކައި ރައީސް މުއިއްޒު އިއުލާންކުރެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށީ މިދިޔަ އަހަރުގެ ޖޫން 5 ވަނަ ދުވަހު، ދުނިޔޭގެ ތިމާވެށީގެ ދުވަހުގައެވެ. ޕްރޮގްރާމްގެ ދަށުން ރާއްޖެއިން މަދުން ފެންނަ އެކި ބާވަތްތަކާއި ހިޔާލިބޭ ގަސްތަކާއި އެކި ބާވަތުގެ ކާނާ ލިބޭ ޖުމުލަ 90 ބާވަތުގެ ގަސް އިންދުމަށް ވަނީ ކަނޑައަޅާފައެވެ.