
މި މަޝްރޫއަކީ އެލްޖީއޭއާއި ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމެނިގެން، މ. ރަތްމަންދޫ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ 4.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ތްރީ ޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ނިންމާލެވިފައިވަނީ މިދިޔަ 22 މާރިޗު ގައެވެ.
މި އިމާރާތުގެ ކުރެހުމާއި ޑިޒައިން ކުރެވިފައިވަނީ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ފަސޭހަ މާހައުލެއް ލިބިގެންދާނެފަދަ ގޮތަކަށްކަމަށް އެލްޖީއޭއިން ބުނެއެވެ.
މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނެއެވެ. އަދި ކައުންސިލް ރައީސް، ކައުންސިލް ނައިބުރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަށް ތިއްބަވާ ބޭފުޅުންނަށް ވަކިވަކި ކެބިން ހުރެއެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހާއްސަ މާލަމަކާއި، ސްޓޯ ރޫމަކާއި، ނަމާދު ކޮޓަރިއަކާއި، ސައިކޮޓަރިއެއްގެ އިތުރުން އަންހެން އަދި ފިރިހެން ބޭފުޅުންނަށް ހާއްސަ ފާހާނާ މި އިމާރާތުގައި ހިމެނިފައިވާނެކަމަށް އެލްޖީއޭއިން ބުނެއެވެ.
މ.ރަތްމަންދޫ ކައުންސިލް އިދާރާގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި އިމާރާތަކީ ވަރަށް ގިނަދުވަސް ވެފައިވާ ޖާގައިގެ ގޮތުން ދަތި ވަސީލަތްތައް މަދު އިމާރާތެކެވެ.